މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރުމަށް މުލީއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށެވެ. އަދި މުލީއާގެއަށް ދެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށެވެ.

އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވައެވެ.