ރޯދަ މަހު ރޯދަ ނުހިފައި އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ރޯދަ ނުހިފާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އޭނާ ވަނީ އެކަމަށް އިއުތިރާފުވެފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އޭނާ ރޯދަ ނުހިފާ ކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާގެ އިތުރުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓު ވެސް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގައި އޭނާގެ އިއުތިރާފާ، ކޯޓަށް ހުށަހަޅާފައިވާ ހެއްކަށް ބެލުމަށްފަހު އޭނާ ބަންދުކޮށްފައި ވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ނިންމައި ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ރާއްޖޭގައި ރަމަޟާން މަހުގެ ރޯދަ ނުހިފާ އުޅޭ މީހުންގެ މައްސަލަ ފެންމަތިވަމުން އަންނައިރު، މިދިޔަ މަހު 24 ވަނަ ދުވަހުވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ހައްޔަރުކުރި 40 އަހަރުގެ މީހާގެ ބަންދަށް 2 ދުވަސްޖަހާފައިވާއިރު، މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.