އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ބޭއްވާ ސަދަން ރީޖަނަލް ސިމްޕޯޒިއަމް 2024 ގެ ފުރަތަމަ އިބްތިދާއީ ބައްދަލުވުން ބާއްވައިފިއެވެ،

ސަދަން ރީޖަނަލް ސިމްޕޯޒިއަމް ގެމައިގަނޑު މަގްސަދަކީ އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ މުހިއްމު ކުރިއެރުމާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅިގެން ކުރެވިފައިވާ މަސަތްކަތްތަކާ ކުރިއަށް ރޭވިފައިވާ މަސަތްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

‎މި މަޝްވަރާ ބައްދަލުވުމުގައި ވަނީ އައްޑޫ “އައްސޭރި ޓުއަރިޒަމް” މަޝްރޫއު އާއި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަނބުރާ އޮޕަރޭޝަނަށް ގެނައުމުގެ މަޝްވަރާތައްކޮށްފައެވެ. އަދި އެތެރޭގެ އުދުހުންތަކާ ބައިނަލްއަގްވާމީ ފްލައިޓް ކަނެކްޓިވިޓީގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަދި ފްލައިޓް ކަނެކްޓިވިޓީ ރަނގަޅުކުރުމަށް ކުރެވުނު އިތުރު މަސައްކަތްތަކަށް އަލި އަޅުވާފައިވެއެެވެ.

‎މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ގއ، ގދ، ޏ، ސ.އަތޮޅުގައި 3،735 އެނދު ހުރިއިރު އެމްއެމްޕީއާރްސީ އިން ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން، ވަކި މާކެޓިން ޕްލޭން އެއް ތައްޔާރުކުރެވި މި ސަރަހައްދުތަކަށް ލޯކަލް ޓުއަރިޒަމްގެ ރޮނގުން މާކެޓް ކުރުމަށް މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

‎މި ސިމްޕޯޒިއަމް ގެ ދެވަނަ ބައްދަލުވުން އަންނަ މޭއި މަހު ބާއްވަން ހަމަޖެހިފައިވާއިރު ކުރިއަށް ހުރި ބައްދަލުވުން ތަކުގައި އައްޑޫގެ އިތުރުން، ގއ، ގދ، އަދި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަތައް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސިމްޕޯޒިއަމްގެ މަޝްވަރާތަކަށް ރިއާޔަތްކޮށް ދެކުނުގެ އަތޮޅު ތަކުގެ ޓުއަރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮމޯޓްކުރުމަށް މާކެޓިންގް ޕްލޭން އެއް ތައްޔާރު ކުރެވިގެން ދާނެއެވެ.