ނިމިދިޔަ މާޗު މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ މަހު ޖުމުލަ 1127 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. މާރިޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ މަހު މުދާ ގެއްލިގެން 90 މައްސަލައެއް ހުށައަޅާފައިވާއިރު، މަކަރާއި ހީލަތުގެ 47 މައްސަލައަކާއި މާރާމާރި ހިންގުމުގެ 74 މައްސަލައަކާއި، އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 48 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 20 މައްސަލައެއްގެ އިތުރުން ފޯޖުކުރުމުގެ 9 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އާއްމުކޮށް އެހެން މަސްތަކާ އަޅާބަލާއިރު ރަމަޟާން މަހަކީ ވައްކަމުގެ މައްސަލަތައް އިތުރު މަހެއްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފުލުހުން ބުނީ ރަމަޟާން މަހު ވައްކަމުގެ މައްސަލަތައް އާންމުކޮށް ހުށަހަޅަނީ ހެނދުނު 9:00 ގެ ފަހުންކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާކަމަށް ބެލެވެނީ ރޭގަނޑު 10:00 އާއި ހެނދުނު 09:00 އާއި ދެމެދުކަމަށެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ދާދި ފަހަކުން ވަނީ ތިން ރޭ މަތިން ތަގްވާ މިސްކިތުން 7 ފަންކާވެސް ވަގަށް ނަގާފައެވެ. މީގެއިތުރުން ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރަކާއި އެ މިސްކިތުގައި ހުރި 2 ފެންކާވެސް ދާދިފަހުން ވަނީ ވަގަށް ނަގާފައެވެ.

ފުލުހުން ވަނީ ގެއިން ބޭރަށްދާނަމަ ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމާއި ބޭރަށް ކުޑަދޮރެއް ނުވަތަ ފަސޭހައިން ވަދެވޭނެ ޖާގައެއް ހުރި ނަމަ ސަލާމަތީ ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައެވެ. އަދި ގޭގައި ގެންގުޅޭ އަގުބޮޑެތި ސާމާނުތައް ވަގުންނަށް ނުނެގޭނެ ފަދަ ގޮތަކަށް ރައްކާ ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.