ފަހު ދިހައެއް ފެށިގެން އައި އިރު ބާޒާރުގައި ކުރުނބާގެ އަގު އިންތިހާއަށް ބޮޑު ވެއްޖެއެވެ.
މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ލޯކަލް މާރުކޭޓަށް ކުރުނބާ އެތެރެކޮށް ކުޑަކޮށް ތިއާގިވެފައި އޮތް އިރު ކުރުނބައެއްގެ އަގު އުޅުނީ 30 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގައެވެ. 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއް އޭރު ވިއްކަމުން ދިޔައީ 150 ރުފިޔާ އާއި 200 ރުފިޔާ އާ ދެމެދުގައެވެ.
މި އަގުތަކަކީ ބޮޑު އަގުތަކެއް ކަމުގައި އާންމުން ބުނަމުން އައި ނަމަވެސް ފަހު ދިހައެއް ފެށުމާ އެކު ކުރުނބާގެ އަގު މިވަނީ މީގެ ދެގުނައަށް އަރާފައެވެ.
އެގޮތުން މިއަދު ލޯކަލް މާރުކޭޓުގައި ކުރުނބައެއް ވިއްކަމުން އައީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ. މިއީ މި ރޯދަ މަހު އެންމެ މައްޗަށް ކުރުނބާގެ އަގު އެރި ދުވަސް ވެސް މެއެވެ.
އަގުތައް މިހާ މައްޗަށް ދާ ސަބަބެއް ކަމަށް މާރުކޭޓުގައި މަސައްކަތް ކުރާ ވިޔަފާރިވެރިން ބުނީ، ރޯދަ މަހުގައި ކުރުނބަޔަށް އޮންނަ ޑިމާންޑް ގެ ސަބަބުން ކަމަށެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ކުރުނބާ ނުލިބުމަކީ މި ވަގުތު އަގު މައްޗަށް ދާ އެއް ސަބަބު ކަމަށް ވެސް އެމީހުން ބުނެއެވެ.
މިއީ ބައެއް ވިޔަފާރިވެރިންގެ ހިޔާލުކަމުގައި ވިޔަސް އަނެއްބައި ވިޔަފާރިވެރިން ބުނާ ގޮތުގައި، އަގުތައް އުފުލިގެން ދަނީ ބިދޭސީ ވިޔަފާރިވެރިންގެ އަތްމައްޗަށް ވިޔަފާރީގެ ކަންކަން ދޫކޮށްލާފައި އޮތުމުންނެވެ. ބައެއް ފަހަރު ހިތު ހުރި އަގަކަށް އެމީހުން ތަކެތި ވިއްކާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.