ސީމާ ހުރީ ރިޒާއާއި ބައްދަލުކުރަން ވަރަށް ބޭނުންވެފައެވެ. މީހުން ކުރާ ސުވާލުތަކުގެ އަޑުވެސް އޭނާއަށް ނީވޭ ކަހަލައެވެ. ހީވަނީ މަންމަނެއް ހެންނެވެ. ރަށުން ފޭބުމަށް ސިފައިން ބުނުމުންވެސް އެކަމަށް އެއްބަސް ނުވާ މަދު ބަޔަކު ތިބިއިރު އޭގެތެރޭގައި ސީމާވެސް ހިމެނެއެވެ. ރަނާ ނުފެންނަނީސް ކުޑަހުވަދޫއަށް ދާން އޭނަ ބޭނުމެއް ނޫނެވެ. ކުޑަކުއްޖަކު ފަދައިން ރަނާ ހޯދުމަށް އާދޭސްކުރަމުން ދިޔައެވެ. ރަށުގެ ބައެއްމީހުން ކުޑަހުވަދޫއަށް ދާން އެއްބަސް ނުވީ މުޅި ދިރިއުޅުން ހޭދަކުރި އުފަންރަށް ދޫކޮށްފައި އެހެން ރަށަކަށް ހިޖުރަކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް އެ ޚިޔާލު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.
ރަށުގެ އެތަން މިތަނުން ބިންގަނޑު ކަނޑައިގެން ގޮސް އާރެއްހެން ފެން އަރަން ފެށިއެވެ. ރަށުގެ ބައެއް ސަރަހައްދުތަކުން ފަސްގަނޑު ގަނބަމުން ދިޔައެވެ. އެހިސާބުން ރަށުގައި ދިރިއުޅުމަކީ ނާދިރުކަމެއް ގޮތުގައި ނިންމާ ބޯހަރުކަން މަތީ ތިބި އެންމެން ކުޑަހުވަދޫއަށް ބަދަލުވާން އެއްބަސް ވިއެވެ.
ކުޑަހުވަދޫއަށް ފޭބިއިރު ސީމާގެ މަންމަ ސަފިއްޔާ ހުރީ ސީމާ ބަލައި ބަނދަރު ކައިރިޔަށް އައިހެވެ. ސީމާ ހުރި ހާލުފެނި ސަފިއްޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ރަނާ ނުފެނުމުން ސީމާ ހުރީ ރޮއެރޮއެ ހަލާކުވެފައެވެ. ދ.ކުޑަހުވަދޫއަކީ ސީމާގެ އުފަންރަށް ކަމުން ސީމާ ދިޔައީ އޭނާގެ މަންމަމެން ގާތަށެވެ. ގެމެންދޫއިން ފޭބި ހުރިހާ އެންމެންނަށް ކުޑަހުވަދޫގެ ރައްޔިތުން މަރުހަބާ ކިއެވެ. އެކި އާއިލާތައް އެކި ގޭގޭތަކަށް ދިޔައެވެ. ނަމަވެސް ގެމެންދޫ މީހުންގެ ހިތުން ބިރުވެރިކަން ފިލައިގެން ނުދެއެވެ.
އެރޭ މަޢުލޫމާތު ލިބުނު ގޮތުގައި ގެމެންދޫ މީހުން ކުރިމަތިލީ ތޫފާނަކީ ބޮޑުރާޅެއް ނޫނެވެ. އެ ތޫފާނަށް ކިޔައި އުޅޭ ނަމަކީ ސުނާމީއެވެ. މިބޮޑު ރާޅު އުފެދުމުގެ ކުރިން ބިންހެލުމެއްވެސް އައިކަން އެނގުނީ ޚަބަރުތަކުން މި ވާހަކަ ކިޔައި ދިނުމުންނެވެ. ގެމެންދޫ ރައްޔިތުންނަށް ލަފާ ކުރެވުނީ މީ ހަމައެކަނި އެރަށަށް ދިމާވި ކަމެއްގެ ގޮތުގައެވެ. ނަމަވެސް މި ސުނާމީގެ އަސަރު ވަނީ މުޅި ރާއްޖެއަށް ކޮށްފައެވެ. އޭޝިޔާގެ ގިނަ ގައުމުތަކަށް ގެއްލުން ލިބުނެވެ. ނަމަވެސް ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ތިރި ޤައުމު ތަކަށެވެ.
ސުނާމީ އެރިފަހުން 10 ގަޑިއިރުވީއެވެ. މާލޭން ފުރި ލޯންޗެއްގައި ރިޒާ ކުޑަހުވަދޫއަށް އައެވެ. ރިޒާ އައި އިރު ރަށުތެރެ ވަނީ ހަލަބޮލި ވެފައެވެ. ގެމެންދޫއިން ހާލުގައި ޖެހިގެން ގެނައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ކުޑަހުވަދޫގެ ރައްޔިތުން އަވަދިނެތި އުޅެމުން ދިޔައެވެ. ރިޒާއަށް ސީމާ ފެނުމުން ވަރަށް އުފާވިއެވެ. އަދި އައިސް ސީމާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ސީމާގެ އަތުގެ އުޅަބޮށިން ހަންނޮޅިފައި ހުރި ތަންތަން ފެނުނެވެ. ސީމާއާއި ވާހަކަ ދައްކަމުން ދިޔައިރު ރިޒާއަށް ސީމާގެ ފުށުން ތަފާތުކަމެއް ފެންނަމުން ދިޔައެވެ.
ސީމާގެ ހާލަތު ހުރިގޮތް ފެނުމުން ރިޒާ އޭނާގެ އަންހެނުންގެ ބަނޑުގައި ފިރުމާލަމުން ބަނޑުގައިވާ ދަރިފުޅު ރަނގަޅުތޯ ސުވާލު ކޮށްލެވުނެވެ. ފުން ނަޒަރަކުން ރިޒާއާއި ސީމާ ހަތަރު ކަޅި ހަމަކުރިއެވެ. ވޭނުން ފުރިގެންވާ ގޮތަކަށް ސީމާއަށް ބުނެވުނީ އެންމެ ޖުމްލައެކެެވެ. "ރަނާ... އަދިވެސް ރަނާ ނުފެނޭ..." އެހިސާބުން ސީމާ މުޅިންހެން ހޭ ނެތިއްޖެއެވެ. ގައިން ވަރު ދޫވާން ފެށުމުން ރިޒާ ސީމާގެ މުލަށްދަނޑީގައި ހިފެހެއްޓިއެވެ. އެވަގުތު ސަފިއްޔާ ރިޒާއަށް އެހީތެރިވުމަށް ގާތްވެލިއެވެ. ކުޑަހުވަދޫ ހޮސްޕިޓަލަށް އަވަސް ފަރުވާ ދިނުމަށް ސީމާ ގެންދިޔައެވެ.
ރިޒާ އިިންތިޒާރު ކުރީ ޖެހިގެން އައި ދުވަހަށް އިރުއަރާނެ އިރަކަށެވެ. އިރު އެރުމާއެކީ ކުޑަހުވަދޫއިން ޒުވާނުންގެ ޓީމަކާއި އެކީ ގެމެންދޫއަށް ދިޔައެވެ. ރަށުތެރޭގައި މީހުން ހޯދުމަށް ހަރަކާތްތެރިވާން ފެއްޓިއެވެ. ރަނާ ފެންނާނެކަމުގެ އުއްމީދު ގައެވެ. މުޅި ގެމެންދޫ ވަނީ ސުންނާފަތި ވެފައެވެ. ގޭތަކުގެ ފުރާޅުތަކާއި، ވެއްޓިފައިވާ ގާތަކާއި، އޮޔާ އައިސްފައިވާ ހަންތަކާއި ތާނގިތަކާއި، ރުށްބުޑުތައް އެއްކައިރި ކުރަމުން ރަށުތެރެ ހޯދާ ބަލަމުން ދިޔައެވެ.
ރަށުން ނުފެނިގެން އުޅޭ ދެ ކުދިން ހޯދުމަށް އެންމެންވެސް މަސައްކަތް ކުރިއެވެ. ރަށުތެރެއާއި ކަރިގައިވާ ފަޅު ރަށްތައްވެސް ބެލިއެވެ. ސިފައިންގެ ޓީމުތައް ހެލިކަޕްޓަރު ތަކުގަޔާއި ލޯންޗު ތަކުގައި މާ ކަނޑަށް ނުކުމެ އެހިސާބުގަނޑު ބަލަމުން ދިޔައެވެ. ނަމަވެސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. މުޅި އަތޮޅުގައި އަތްފުނާ އެޅިއިރުވެސް 18 އަހަރުގެ ރަނާއާއި 8 އަހަރުގެ ޝާޔާއެއް ނުފެނުނެވެ.
މި ހިތްދަތި ޚަބަރު ރިޒާގެ މަންމަ ހަރިއްޔާގެ ކަންފަތުގައި ޖެހުނު އިރު އޭނާ ހުރީ މާލޭގައެވެ. އެދުވަހުން ފެށިގެން ހަރިއްޔާ މުޅިންހެން ދައްކަނީ ހަމަނުޖެހޭ ވާހަކައެވެ.
ސުނާމީއަށް އެއް މަސް ވީ ދުވަހެވެ. އަދިވެސް ސީމާގެ ސިކުނޑީގައި ސުނާމީގެ ހާދިޘާ އިއްޔެވީ ކަމެއްހެން ހަނދާން ހުރެއެވެ. ބިރުން ނުނިދި ކިތަންމެ ރެޔެއް ހޭދަކުރަން ޖެހެއެވެ. 26 ޖެނުއަރީ 2005 ވީ ބުދަ ދުވަހެވެ. ސީމާ ބަނޑުގައި ރިއްސަން ފެށިއެވެ. ރިހުން ނަގަމުން ދިޔައިރު ދެ ތަދު ދޭތެރޭ ވަރަށް ގާތްގާތުން ރިހުންނަގަމުން ދާން ފެށިއެވެ. އެހެން ކަމުން ލަސްނުކޮށް ހޮސްޕިޓަލަށް ދިޔައެވެ. ވޭންވަރު ނަގަންފެށުމުން ހޮސްޕިޓަލުން ސީމާ ވިއްސުމަށް ތައްޔާރުވިއެވެ.
އެދުވަހަކީ ރިޒާއާއި ސީމާގެ ލޯބި ދަރިފުޅު އުފަންވީ ދުވަހެވެ. ތުއްތު އަންހެން ކުއްޖެކެވެ. އަލީނާ ސަލާމަތުން ދުނިޔެއަށް ނޭވާލި ކަމަށްޓަކައި ސީމާ ޝުކުރު ކުރިއެވެ. ނަމަވެސް އާއިލާ ތެރޭއިން ގެއްލިގެން ދިޔަ އަންހެންކުއްޖާ ހަނދާންވީ ރިޒާ ދައްކާލި ފޮޓޯގަނޑަކުންނެވެ. އެއީ ރަނާގެ ތުއްތުއިރުގެ ފޮޓޯއެކެވެ. އަލީނާ އާއި ރަނާ ވަރަށް ވައްތަރެވެ. ހެދި ބޮޑުވަމުން އައިވަރަކަށް ރަނާގެ ސިފަ ޖެހެމުން އައެވެ. އަލީނާގެ ސަބަބުން އެމީހުން ހިތްތަކުން ދުވަހަކުވެސް ރަނާ ފޮހެވިގެން ނުދާނެއެވެ.
ސީމާގެ ހަނދާނަށް އަބަދުވެސް އާވާ ތަންކޮޅެއް އިނދެއެވެ. ލުޔޫނާއާއި އެކީ އެރޭ ފިލްމު ބަލަން ދިޔަ އިރު ރަނާ އެންމެ ފަހު ފަހަރަށް ސީމާއާއި ސަލާމްކޮށްލަން ހަށިގަނޑުގައި ބައްދާލި ބައްދާލުމެވެ. އެވަގުތު ރަނާގެ ދުލުން ބޭރުކޮށްލި ބަސްތަކެވެ. "ތެންކިއު ސޯ މަޗް.. ސީމައްތާ... އައި ލަވް ޔޫ..."
**** *** *** *** *** ***
ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ އޮއިވަރާއެވެ. އެ ޖަޒުބާތާއެވެ. އެއީ ހިތުގައި ބިންވަޅު ނެގިފައި ބޮޑު ޒަޚަމްތަކެކެވެ. އެ ޒަޚަމްތަކުގެ ލަކުނުތައް ހަނދާނުން ފޮހެލަން ދަތިވާނެކަން ކަށަވަރެވެ.
ދޮރުގައި މީހަކު ޓަކިޖަހާލިއަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.
މިޝްކާގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަމުން ސީމާއާއި ކުރިމަތިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ ސޯފީއެވެ. މެންދުރު ކެއުމަށް ދެމީހުން ނާންނާތީވެ ކޮބައިތޯ ބަލަން އައީ ކަމަށް ބުންޏެވެ.
ސީމާ އަތުކުރީގައި އަޅާފައިވާ ވައިޓް ގޯލްޑް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖަހަނީއެވެ. "ސޯފީ... އަހަރެން ކާ ހިތެއް ނެތް... އަނެއްކޮޅުން މިހާރު ހަވީރު ހަތަރެއް ޖަހަނީ.... އަހަރެން ބޭނުމީ އަރާމު ކޮށްލަން..." ސޯފީއަށް ޖަވާބުދެމުން ސީމާ އޭނާގެ އެނދަށް އަރާ މަޑުމަޑުން އޮށޯވެލިއެވެ. އެ ވަގުތު ސޯފީ މިޝްކާއަށް ބަލާލަމުން އެއްޗެއްކާން ބޭނުންތޯ ސުވާލުކޮށްލިއެވެ. މިޝްކާ ދެއަތަށް ބޯހޫރާލަމުން ސީމައްތައާއި ސަލާމް ކޮށްލުމަށްފަހު ކޮޓަރިން ނުކުތީއެވެ.
ރިޒާބެ ވީ ތަނެއް އޮޅުން ފިލުވާލަން ސޯފީ ގާތުގައި އަހާލިއެވެ. ޖަވާބުގައި ސޯފީ ބުނެލިއެވެ. "ބޮސްވީ މެލޭޝިޔާގަ... މާދަމާ ދުރުވާނެ ވާހަކަ ވިދާޅުވި... ކިހިނެއްވީ މިޝްކާ ކަމެއް ބޭނުންވީތަ؟..."
"އުހުން.. އަސްލު ވަރަށް ފޫހިވެފަ މީނީ... ފިހާރައަކަށް ގޮސްލަންވެސް ބޭނުން... އެހެންވެ އަހާލީ..." މިޝްކާގެ ބޭނުން ހާމަކުރިއެވެ.
"މިތާ އަތިރި މައްޗަށް ނުކުމެލަބަލަ... އަބަދު ގޭތެރޭގައި އިންނާކަށް ނުވާނެ... ސޯފީ ގޭގައި މަޑުކުރާނަން... އެހެންނޫނީ މެޑަމް އެކަނިވާނެ... މިޝްކާ ދޭބަލަ ހިނގާލަން.... މިގޭ މައިދޮރާށި ކުރިމައްޗަށް ފެންނަން އޮތް މަގުގައި ބައިވަރު ފިހާރަތައްވެސް ހުންނާނެ..." ގާތް ރަޙްމަތްތެރިއެއް ފަދައިން މިޝްކާ ގާތު ބޭރަށް ދިޔުމަށް ސޯފީ ނަސޭހަތްތެރި ވިއެވެ. އެހެން ކަމުން މިޝްކާ ލައިގެންހުރި ހެދުން ޖިންސަކާއި ޓީޝާޓް ކޮޅަކަށް ބަދަލުކޮށްލުމަށްފަހު ބޭރަށް ދާން ގެއިން ނުކުތީ ލުއި މޭކަޕަކާއި އެކީގައެވެ.
ގެއިން ނުކުތުމަށްފަހު ފިހާރަތަކާއި ދިމާލަށް ހިނގައިގަތެވެ. ރީތިވާ ސާމާނު ވިއްކާ ފިހާރައަކަށް ވަދެ ބޭނުންވާ ބައެއް ސާމާނު ގަތެވެ. ކޮނޑުގައި އަޅުވައިފައިވާ އަތް ދަބަހަށް ފިހާރައިން ގަތް ސާމާނުތައް އެޅުމަށްފަހު ހިނގައިގަތީ އަތިރި މައްޗަށެވެ. އަތިރިމަތީ ހަދާފައިވާ ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލިއެވެ. އަދި މޫދުގެ ހިތްފަސޭހަ މާހައުލަށް ބަލަން އޮވެވުނެވެ.
ސީމާ ކިޔައިދިން ހިތްދަތި ވާހަކަ ސިކުނޑީގައި އެނބުރެން ފެށީ މޫދުގެ ރާޅުޖަހާ މަންޒަރު ފެނުމުންނެވެ. ސީމާ ސިފަކޮށްދިން ވާހަކައިން އެ ދުވަހު މީހުންގެ ހިތްތަކުގައި އުފެދޭނެ ބިރު އިހްސާސް ވިއެވެ. ފޯނު ހުޅުުވާލުމަށްފަހު ހަވީރު ނޫހަށް ވަދެ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅުންހުރި ލިޔުންތައް ހޯދަން ފެށިއެވެ. މިގޮތުން ސުނާމީގައި ގެމެންދޫއަށް ލިބިފައި ހުރި ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކާއި އެކި ލިޔުންތަކަށް ބަލަމުން ދިޔައެވެ. އެއިން ކޮންމެ ލިޔުމެއްގައިވެސް ފާހަގަކޮށްފައިވާ ގޮތުގައި އެރަށުން ހަމީހުން މަރުވިއެވެ. އަދި ދެމީހުން ވަނީ ގެއްލިފައެވެ.
ސިއްސައިގެންގޮސް ބަލާލެވުުނީ މިޝްކާއާއި ޖެހިގެން އިން ޖޯލީގައި މީހަކު އިށީނުމުންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން މިޝްކާގެ ފޯނު ދަބަސް ތެރެއަށް ލިއެވެ. އަދި މޫދުން ފެންނަމުން ދިޔަ ހިތްފަސޭހަ މާހައުލަށް ބަލަން އަނެއްކާވެސް އޮވެވުނެވެ.
"މިޝްކާ.... ކޮންކަމަކާ ތިވިސްނަަނީ؟...." އިވުނު ފިރިހެންވަންތަ ބަރު އަޑުން މިޝްކާއަށް ސިހުންވިއެވެ. އަދި ޖޯލީގައި އޮތް މީހާއަށް ބަލާލެވުނެވެ. ސަލީމްކަން އެނގުމުން މިޝްކާގެ ހިތުގެ ވިންދު އަވަސްވެެގެން ދިޔައެވެ.
"ކަމެއްނުވޭ..." ލަދުރަކި ގޮތަކަށް މިޝްކާ ޖަވާބު ދިނެވެ.
ސަލީމްގެ ފުރިހަމަ ހަށިގަނޑަށް މިޝްކާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. މިޝްކާއަށް ކުރަމުން ދިޔަ އިހްސާސްތައް ފޮރުވަން މަސައްކަތް ކުރިއެވެ. އަނެއްކާވެސް އަނބުރާ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތީ ސަލީމަށް ކަމެއް ފާހަގަ ވެދާނެތީއެވެ. ނަމަވެސް ސަލީމްގެ ހަރަކާތްތަކަށް ވަށްކަޅިން ބަލަމުން ދިޔައީ މިޝްކާއަށް ނުބަލާ ނުހުރެވޭތީއެވެ.
"މިކޮޅަށް އައި ފަހުން މުޅިންވެސް ފެންނަނީ މިޝްކާ ހިތާމަކުރާތަން.... މީ... މީ... މިޝްކާތީ އަލީނާއާއި ތިމާގެ ކުއްޖެއްތަ؟..." އަހަން ނާހަން ހުރެ އަހާފަދައަކުން ސަލީމް އޮޅުން ފިލުވަން ބޭނުންވާ ސުވާލު އޭނާގެ ދުލުން ބޭރު ކޮށްލިއެވެ.
މިޝްކާގެ ހިތަށް އެރިއެވެ. ސަލީމް ހާދަވަރަކަށް މަށަށް ބަލައޭ... އެހެންނޫނީ ކިހިނެއް އަހަރެން ހިތާމަކުރާކަން ފާހަގަވީ... އަނެއްކޮޅުން ސަލީމް ހާދަ ރީއްޗޭ... ސަލީމްގެ އަޑުވެސް ހާދަ ހިތްގައިމޭ... އަޅެ މީނަ އަހަރެންނަށް ސެޓުވާނެބާ!.....
ޖަވާބެއްގެ އިންތިޒާރުގައި އިން ސަލީމް މިޝްކާގެ މޫނަށް ބަލާލިއެވެ. އޭރު އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔަ މިޝްކާގެ ތުންފަތް މަތިން ފާޅުވަމުން ދިޔަ ހިނިތުންވުން ފެނުމުން ސަލީމް ކަރުކެހިލިއެވެ. ޚިޔާލީ ދުނިޔެއެއްގައި އިން މިޝްކާ ހަމަބިމަށް ފޭބުމުން ސަލީމް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.
"އާން... ތިމާގެ ވާނެ.... ވީއާ ކަޒިންސް... ބަޓް މޯ ލައިކް ބެސްޓީސް..... ސީމައްތަ އެއީ އަހަރެންގެ ބޮޑުދައިތަ..." މިޝްކާގެ ޖަވާބަށްފަހު ސަލީމް ޖޯލިން ތެދުވިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން އެއްގަމާ ކުރިމަތިލަމުން ވާހަކަ ދެއްކިއެވެ. "އަޅުގަނޑު ދަނީ..... މިޝްކާވެސް ލަސްނުކޮށް ގެއަށް ދުރުވާތި... މިހިސާބުގަނޑުގައި ވަރަށް ޕާޓޭން އުޅޭނެ... ދެން ގޮސްލަނީ..." އެއް ފައްޗަކަށް ވާހަކަ ދައްކާލުމަށްފަހު މިޝްކާއާއި ދިމާލަށް ބަލާވެސްނުލާ ހޭޅިފަށުގައި ހުރި ގަސްތަކުގެ ތެރެއިން އެއްގަމަށް ސަލީމް ހިނގައިގަތެވެ.
ސަލީމްގެ ހަރަކާތްހުރި ގޮތް ފެނި މިޝްކާއަށް އޮވެވުނީ ވަރަށް ހައިރާންވެފައެވެ. އެހާ ރީތިކޮށް ވާހަކަ ދައްކަން ފައްޓާފަ ކުއްލިއަކަށް ރާގުގަނޑު ބަދަލުވެ މާތްބަަހުން ވާހަކަ ދެއްކުމުން މިޝްކާ ވަރަށް ހައިރާންވިއެވެ. "ވަޓްސް ރޯންގް ވިތު ހިމް.... މިތާ މަޑުކުރިނަމަ.... އަހަރެން އޭނަ ކާލާކަށް ނޫޅެންވިއްޔަ... ހަހް... ވަރަށް ފޫހިވޭ.." ސަލީމް އޭނާ އެކަނި އެތާ ބާއްވާފަ ދިޔުމުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.
އިރު އޮއްސި އަނދިރިވާން ފެށުމުން މިޝްކާ ގެއަށް ދިޔުމަށް ޖޯލިފަތިން ތެދުވެ ހިނގައިގަތެވެ. ގޭގެ ގޭޓާއި ހަމަޔަށް ދިޔައިރު ދެކޮޅަށް ހިނގަހިނގާ ސަލީމް ހުރިތަން ފެނުމުން މިޝްކާ ވަރަށް ހިތް ހަމަޖެހުނެވެ. ގޭޓުން އެތެރެއަށް ވަދެ ސަލީމާއި ދިމާލަށް ފިޔަވަޅު އަވަސް ކޮށްލިއެވެ.
ސަލީމާއި އަރާ ހަމަވުމަށް ފަހު މިޝްކާ ހިނތުންވެލިއެވެ. ނަމަވެސް ސަލީމް ރައްދުގައި ހިނތުންވުމެއް ފާޅުނުކުރުމުން މިޝްކާ ވަރަށް ދެރަވިއެވެ. "ސަލީމް... ރުޅިއައިސްފަތަ؟... ކުރިން ދުވަހު ކަންތައް ވީ ގޮތުން ވަރަށް ބޮޑަށް ސޮރީ... އަސްލު ސަލީމްކަން ނޭނގި ހޮސްޕިޓަލުން އެގޮތަށް ވާހަކަ ދެއްކީ..... ސޮރީ އިނގޭ...." ސަލީމާ މުޚާތަބުކޮށް މިޝްކާ ވާހަކަ ދެއްކުމުން ސަލީމްގެ ހިތަށްވެސް ވަރަށް އަސަަރުކޮށްފިއެވެ. "މިޝްކާ... އަޅުގަނޑު މިޝްކާ ދެކެ ރުޅިއެއް ނާދޭ.... އަޅުގަނޑު މީ ކާކު މިޝްކާ ދެކެ ރުޅިއަންނަން..." ސަލީމްގެ ޖަވާބުގައި ހުރީ މަޑުމައިތިރިކަމެވެ. ވާހަކަ ދައްކަމުން ދިޔ އިރު ހީވީ ނޯކަރަކު އޭނާގެ ޚާދިމާއި ވާހަކަ ދައްކަމުން ދިޔަހެންނެވެ.
"ސަލީމް ކީއްވެތަ އަހަރެންނާ މާތްބަހުން ތި ވާހަކަ ދައްކަނީ...." ސަލީމްގެ ވާހަކަ ދެއްކުން ހުރިގޮތުން މިޝްކާއަށް ވަރަށް އުނދަގޫ ވިއެވެ. މިޝްކާގެ ސުވާލަށް ޖަވާބު ނުދީ ގޭޓުން ބޭރަށް ނުކުތުމަށް ސަލީމް ހިނގައިގަތެވެ.
- ނުނިމޭ -