ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން، ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ، ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު، 13 އަހަރު (މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފޭސް 2، އެޗް 12)އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ޒީވާ، މިއަދު 12:15 އެހާކަންހާއިރު މާލެއިން ވަނީ ފެނިފައިވާކަމަށެވެ. އަދި ޒީވާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ކުޑަކުދިންގެ ގެއްލުމުގެ މައްސަލައަކީ މިހާރު ވަރަށް އާންމު މައްސަލައަކަށް ވަނީ ވެފައެވެ.

ރާއްޖެއިން، އާއިލާއަށް ހަބަރެއް ނުވެގެން، ނުވަތަ ވީތަނެއް ނޭގިގެން މީހުން ހޯދުމަށް ފުލުހުންނަށް މައްސަލަ ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނައިރު، މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މިފަދަ މައްސަލަތައް ދިމާވުމަށް މެދުވަރިވާ ސަބަބުތައް ހޯދާ، އެކަމަށް އާންމުން ހޭލުންތެރިކުރުވަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.