ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިކަން އިއުލާނު ކުރައްވާފައި ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ގާޒާގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ފޮނުވަން ނިންމައިފައެވެ.

އިޒްރޭލުން މެދުކެނޑުމެއް ނެތި ގާޒާއަށް ހަމަލާ ދެމުން އަންނަތާ ގާތްގަނޑަކަށް 6 މަސް ދުވަސް ވެފައިވާއިރު ގާތްވެފައިވީ އަދިވެސް އިޒްރޭލުން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 32،000 އަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ޒަހަމް ކޮށްލި މީހުންގެ އަދަދު ވަނީ 72،000 އަށްވުރެ މަތިވެފައެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.