ހައި ކޯޓުގައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްކުރަނީ މި ސަރުކާރުން "އަތް ބާނައިގެން" ކަމަށާއި އެ މަނިކުފާނު މިނިވަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވެއެޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންއެފްގެ ތާއިދާއެކު ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެ އަށް ވަޑައިގަތުމުން އެ މަނިކުފާނު މިނިވަން ނުވެ ހުރި ސަބަބާ ގުޅޭ ގޮތުން ރައްޔިތުން ސުވާލު ކުރާ ކަމަށެވެ. 'އެ ސުވާލަށް ރައީސް ދެއްވާ ޖަވާބަކީ ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ. މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް." ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެއްވެސް ފަރާތަކުން އެ މަނިކުފާނު މިނިވަންވުމަށް ބޭނުންނުވާކަމަށެވެ. އަދި އެމަނިކުފާނު މާދަމާވެސް ޖަލަށް ގެންދެވިދާނެކަމަށާ އެހެންނަމަވެސް މި ދައްކާ ވާހަކަތައް ނުހުއްޓާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ޔާމީން ވަނި ޕީޕީއެމްގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ނުކުރުމަށް އެދިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.