ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރައިފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 11:00 ގައި ހަނިމާދޫގެ ހޫނުމިން 39.9 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 39.9 ޑިގްރީ ސެލްސިއަސްގައެވެ.
ހުޅުލޭގެ ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 45.1 ޑިގްރީ ސެލްސިއަސްގަ އެވެ.
ކައްދޫގައި ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.1 ޑިގްރީ ސެލްސިއަސްގަ އެވެ. ކާޑެއްދޫގައި ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.2 ޑިގްރީ ސެލްސިއަސްގަ އެވެ.
އައްޑޫސިޓީ ގަމުގައި ހޫނުމިން 30.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 39.9 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މާޗް އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރެވެ. ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ.
މީގެ އިތުރުން މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އަންނަ މޫސުމީ ބަދަލަށް ކިޔާ ނަމެކެވެ. އެލްނީނޯގައި އޮއި ބާރުވެ ވައިބާރުވެ ފިނި ހޫނިމިން މައްޗަށް ގޮސް މޫސުމީ ގިނަ ބަދަލުތަކެއް އާދެއެވެ.
މި މޫސުމުގައި ރާއްޖެއަށް އާންމުކޮށް ހޫނުވާ އިރު މިދިޔަ އަހަރު މި މޫސުމުގައި އެންމެ ހޫނު ގަދަވެގެން ރެކޯޑް ކުރެވިފައިވަނީ 45 ޑިގްރީ ސެލްސިއަސް އެވެ.