މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 20،000 އިން މަދުވުމުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދަށާ، ހުރިހާ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅާ ގުޅިގެން 'އެކްސް' ގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވަނީ އަހަރުގެ ފުރަތަމަ ތިން މަހު ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުންތައް ހިއްސާކުރައްވާފައެވެ.

މި ގޮތުން ފައިސަލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި އަހަރުގެ މާޗް މަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 15.1 އިންސައްތަ އިތުރުވެފައިވާ ކަަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް މިދިޔަ އަހަރުގެ އެމަސްތަކާ އަޅައިބަލާއިރު އޮކިއުޕެންސީ އިތުރުވެފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 596،724 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި ދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 518،347 ފަތުރުވެރިންނެވެ. 2023 ވަނަ އަހަރު ޖަނުއަރީ މަހު އޮކިއުޕެންސީ ރޭޓު 71.8 ޕަސެންޓަށް އަރާފައިވާއިރު މިއަހަރުގެ ޖަނަވަރީ މަހު އޮކިއުޕެންސީ ރޭޓު ވަނީ 73.1 ޕަސެންޓަށް އަރާފައެވެ. އަދި މިދިޔަ އަހަރާ އަޅާ ބަލާއިރު ފެބްރުއަރީ މަހުގެ އޮކިއުޕެންސީ ރޭޓު ވެސް ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެއް މަހެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް 200،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި 500،000 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.