އިރުމަތީ ޔޫރަޕާއި ކަޅުކަނޑުގައި ނޭޓޯގެ ފައުޖުތަކުން ހަރަކާތްތެރި ވަނީ ރަޝިއާއާ ދެކޮޅަށް ފައުޖުތައް ތައްޔާރު ކުރުމުގެ ރޫހެއްގައި ކަމަށް ރަޝިއާއިން ބުނެފިއެވެ.
އެއީ ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ރަޝިއާއިން ބުނީ, ގާތުން ބަލަމުން ގެންދާ ކަމަށެވެ.
ނޭޓޯ މައްސަލައިގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންވެސް ވާހަކަ ދައްކަވާފައި ވާ އިރު އޭނާ ވިދާޅުވީ މިވަގުތު ނޭޓޯގެ ގައުމުތަކާ ހަނގުރާމަ ކުރުމުގެ ވިސްނުމެއް ރަޝިއާގެ ނެތް ކަމަށާއި ނަމަވެސް އެސް16 މަރުކާގެ ބޮން އަޅާ ބޯޓު ޔޫކްރައިން އަށް ދީފި ނަމަ އެ އުޅަނދުތައް ވައްޓާލާނެ ކަމަށެވެ.
ރަޝިއާގެ އެއާފޯސްގެ ޕައިލެޓުންނާ ބައްދަލު ކުރައްވައި ޕުޓިން މިހެން ވިދާޅުވެ, އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވީ 1991 އިން ފެށިގެން ރަޝިއާ އާ ދެކޮޅަށް ނޭޓޯ އިން ދަނީ އެމީހުންގެ ބާރު ފުޅާ ކުރަމުން ކަމަށާއި މިހާރު އިރުމަތީ ޔޫރަޕާއި ކަޅުކަނޑުގައި ހިންގާ ހަރަކާތަކީވެސް ރަޝިއާ އާ ދެކޮޅަށް ނޭޓޯއިން ޔޫކްރައިން އާ ބައިވެރިވުމަށް ހިންގާ ހަރާކާތްތަކެއް ކަމަށެވެ.
ޔޫކްރައިން ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ރަޝިއާއިން ވަނީ ކާކީވް ވެ ޔޫކްރައިން ފަޅިއަށް އޭރިއަލް ބޮން އަޅާފައެވެ. މރަޝިއާގެ މިހަމަލާތަކުގައި އެކަކު މަރުވެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާ އިރު މި ބޮމަކީ އޭގެ އަމާޒުގައި ބޮޑު ސަރަހައްދެއް ގޮވާ ޒާތުގެ ބޮމެކެވެ. މީގެ އިތުރުން ވެރިރަށް ކީވް އަށް އަމާޒުކޮށް 28 ޑްރޯން ހަމަލާއެއް ވެސް ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ދީފައި ވެއެވެ. މީގެ ތެރެއިން 26 ޑްރޯން ޔޫކްރައިން އިން ވަނީ ވައްޓާލާފައެވެ. ހަމަ އެހެންމެ ޔޫކްރައިން އިން ވަނީ ރަޝިއާގެ ބެލްގޮރޮޑް ސަރަހައްދަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ރަޝިއާ އިން ބުނެފައި ވަނީ ހުރިހާ ޑްރޯނެއް ވައްޓާލި ކަމަށެވެ.
ރަޝިއާ ބަލިކުރުމަށް އެމެރިކާ އާއި ޔޫރަޕާއި އަދި ނޭޓޯގެ ގައުމުތަކުން ރާވަމުން ގެންދާ އެކިއެކި ކަންކަމުގެ ސިލްސިލާގެ ދަށުން ޔޫޕަރުން މިހާރު ދަނީ ރަޝިއާގެ ގޮވާމުގެ ބާވަތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ.
މި މައްސަލައިގައި ރަޝިއާއިން ބުނެފައި ވަނީ, އެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ މާކެޓުގައި ތަކެތީގެ އަގު އުފުލިގެން ދާނެ ކަމަށާއި ގެއްލުންވާނީ ޔޫރަޕަށް ކަމަށެވެ. އަދި ޔޫރަޕުން އެފިޔަވަޅު އަޅައިފި ނަމަ މިހާރު ޔޫރަޕަށް ބޭރުކުރާ 2.5 މިލިއަން ޓަނާއި 3 މިލިއަން ޓަނާ ދެމެދުގެ ގޮވާމުގެ ބާވަތްތައް އެހެން މާކެޓްތަކަށް އަނބުރާލާނެ ކަމަށެވެ.