ހުޅުމޭލޭގައި އިސްރަށްވެހިންގެ ނާދީ ތަރައގީ ކުރުމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީއިން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީ ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމުގެ މަގްސަދުގައި ކަމަށެވެ.
އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި އިރު، ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެގޮތުން އެތަނުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިއީ އެޗްޑީސީގެ ސީއެސްއާރުން ތަރައްގީ ކުރާ ޕްރޮޖެކްޓެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ ހިޔާ ޓަވަރު 8 ގައި ތަރައްގީކުރާ މި ނާދީގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ކަމަށް އެޗްޑީސީއިން ބުނެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއެވެ.