ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓު އެ އަތޮޅު ބެރިޔަންފަރުގައި އެޅުމުގެ ބަދަލުގައި ފައިނުގައި އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރު ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސްގެ ގަރާރު އިސްލާހުކޮށް ނެރުނު ގަރާރުގައެވެ.

ފައިނުގެ އިތުރުން އަށް އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އެ ގަރާރުގައި ހިމަނާފައިވާއިރު އެ މަޝްރޫއުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5 މިލިއަން ޑޮލަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ފައިނުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަތަކެއް ގަދަވި ނަމަވެސް "ސޭވް ފައިނު" ގެ ނަމުގައި އޭރު ވަނީ ވަރުގަދަ ކެމްޕެއިނެއްވެސް ކުރިއަށް ގެންގޮސް އެއާޕޯޓު އެޅުމަށް ދެކޮޅު ހަދާފައެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓު ބެރިޔަންފަރުގައި އަޅަން މިދިޔަ ވެރިކަމުގައި ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވައިގެ މަގުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށެވެ.

އޭގެ އިތުރުން މިދިޔަ ރިޔާސީ ކެމްޕެއިނަށް ފައިނަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިދާޅުވީ ރ އަތޮޅުގެ ދެކުނައި އެއާޕޯޓު އަޅަން ބެރިޔަން ފަރު ކަނޑައަޅާ އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ބެރިޔަންފަރު ނިންމީ ވަރަށް ގިނަ މަޝްވަރާއާއެކު ކަމަށާއި ބައެއް ރަށްރަށުގެ މީހުންގެ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެ ނިންމުން ނިންމީ އެންމެ ގިނަ ބަޔަކަށް ފަސޭހަވާނީ ބެރިޔަންފަރުގައި އެއާޕޯޓް އަޅައިގެން ކަމަށް ވާތީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.