ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް އަންނަ މަހު އެމްޓީސީސީއާއެކު އެއްބަސްވުމެއް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެއާޕޯޓް އެޅުމަކީ އެ ސަރަހައްދުގެ އިގްތިސޯދީ ކުރިއެރުމަށް އޮތް ފުރުސަތެއް ކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭ ކަމަށެވެ. އަދި ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާނީ މިއަދު އިފްތިތާހުކުރެއްވި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ފައިނުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.