ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ ޖޫރިމަނާއެއްގެ ގޮތުން 464 މިލިއަން ޑޮލަރު ދައްކަން އެމެރިކާގެ ކުރީގެ ރައީސް ޑޮލާންޑް ޓްރަމްޕަށް ކޯޓުން ދިން މުހުލަތު މިއަދަށް ހަމަވި އިރު އެކަން ނުވުމުން, އިސްތިއުނާފު މަރުހަލާގައި އޭނާއަށް އިތުރު ވަގުތު ދީފިއެވެ.

މިއަދު ނިއުޔޯކްގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ 10 ދުވަހުގެ މުހުލަތެއް ދިނުމާއެކު ދައްކަން ޖެހޭ އަދަދު 175 މިލިއަން ޑޮލަރަށް ކުޑަކޮށްދީފައެވެ.

ކޯޓުން މިގޮތަށް ނިންމީ, ކުރީ މަރުހަލާގެ ކޯޓުން ކަނޑައެޅި އަދަދު ނުދެއްވި ޓްރަމްޕެގެ ފަރާތުން އިސްތިއުނާފު ކުރަމުން, އެ އަދަދު ޕްރައިވެޓް ޕާޓީސް [އަމިއްލަ ފަރާތްތަކުން] ހޯދާ ހަމަނުކެރެވުނު ކަމަށް ބުނުމުންނެވެ.

މިއަދު ކޯޓުން އިތުރު ވަގުތު ދީ ލުޔެއް ދިނުމުން ޓްރަމްޕް ވިދާޅުވީ, އެ ހުކުމަށް ފުރިހަމައަށް އިހުތިރާމް ކުރައްވާނެ ކަމަށާއި އެ އަދަދަށް ވާ ބޮންޑް ނުވަތަ ހަރު މުދާ ނުވަތަ ފައިސާ ދައްކަވާނެ ކަމަށެވެ.

ޓްރަމްޕަށް މި އަދަދުވެސް ނުދެއްކެވިއްޖެ ނަމަ އޭނާގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު އިދާރާތަކަށް ލިބިގެން ވެއެވެ. އަދި ނިއުޔޯކްގައި ހިންގާ އޭނާގެ އާއިލީ ވިޔަފާރީގައި އޭނާއާއެކު އޭނާގެ ދޮށީ ދަރިފުޅު އުޅުން މަނާ ވެގެންވެސް ދާނެއެވެ. ނަމަވެސް މި ފައިސާ ޓްރަމްޕް ދައްކަވައިފި ނަމަ އެ ފުރުސަތު އެ ދެބައިފައިންނަށް ގެއްލިގެނެއް ނުދާނެއެވެ.

ޓްރަމްޕުގެ މައްޗަށް ކުށް ސާބިތުވީ ނިއުޔޯކްގައި ހިންގާ ވިޔަފާރީގައި އޭނާގެ މުދަލުގެ އަގު އެތައް ފަހަރެއްގެ މަތިން މަތިކޮށް އެއީ ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމުގެ ގޮޅިއަށް އޭނާ ފެތިފައިވާތީއެވެ.

ޓްރަމްޕަކީ މިއަހަރު ފަހުކޮޅު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަން އާ ވާދަ ކުރައްވާނެ އިދިކޮޅު ކެންޑިޑޭޓު ކަމަށް މިހާރުވެސް ބެލިފައި ވާ އިރު, ޓްރަމްޕުގެ މައްޗަށް އެތައް ދައުވާއެއް އުފުލައި ހިނގަމުންވެސް އެބަދެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ބެލެހެއްޓެވުމުގައި ފަރުވާ ކުޑަކުރެއްވުމާއި އެމެރިކާގެ ޑިމިގްރާތީ އުސޫލުތައް ނައްތާލުމާއި, ވެރިކަން ބަދަލުވެގެން އައި ވަގުތު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާއަށް ޓްރަމްޕުގެ ސަޕޯޓަރުން ވެއްދެވުން ފަދަ ކިތަންމެ މައްސަލައެއްގެ ދައުވާތައް ހިމެނެއެވެ.