ގާޒާގެ އާންމު ރައްޔިތުން ޝަހީދުކޮށް މުޅިތަން އިޒްރޭލުން ސުންނާފަތި ކުރަމުން ދާ އިރު ހަމަލާތައް ހުއްޓާލަން ގޮވާލި ކޮންމެ ގަރާރެއް އެމެރިކާއިން ދިޔައީ ވީޓޯ ކުރަމުންނެވެ.
ޖުމްލަ 3 ގަރާރު ވީޓޯކޮށް ބޭރު ކޮށްލާފައި ވަނިކޮށް މިއަދު ފާސްކުރި 4 ވަނަ ގަރާރުގައި އެމެރިކާ ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.
ޖުމްލަ 14 ވޯޓާއެކު ފާސްވި ގަރާރުގައި ބުނެފައި ވަނީ, ވަގުތުން ހަމަލާތައް ހުއްޓާލުމަށާއި އެއްޗެއް ޝަރުތެއް ނެތި ހުރިހާ ރަހީނުން މިނިވަން ކުރުމަށެވެ.
މި ގަރާރަށް ފަހު ވާހަކަ ދައްކަވަމުން އދ އަށް އެމެރިކާއިން ކަނޑައަޅާފައި އިންނަވާ އެމްބެސެޑަރު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ ސުލްހައާ ގުޅޭ ގަރާރު ފާސްވުން ލަސްވެގެން ދިޔައީ އަދި ދަނީ ހަމާސް އާ ހެދި ކަމަށެވެ. އަދި މިއަދު ގަރާރު ފާސްވި ނަމަވެސް އޭގައި ހުރި ހުރިހާ ކަމަކަށް އެމެރިކާ އެއްބަސް ނުވާ ކަމަށާއި ވަކިކޮޅަކަށް ވޯޓު ނުދިން ސަބަބީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގަރާރުގައި ހަމާސް ކުށްވެރިކުރަން އަހަރެމެން ހުށަހެޅިން, އެކަން ނުހިމަނާ"
ގަރާރާ ގުޅިގެން ވައިޓްހައުސް އިން ވެސް ވާހަކަ ދައްކާފައި ވެއެވެ. ވައިޓްހައުސް އިން ބުނީ ގަރާރުގައި އެމެރިކާއިން ހިމަނަން ބޭނުންވި ބަސްމަގު ހިމެނިފައި ނުވާ ކަމަށާއި އެހެން ކަމުން އެމެރިކާގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މި ކަމަމާ ގުޅިގެން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ, ގަރާރު ވީޓޯ ކުރުމުގައި އެމެރިކާ ފެއިލްވެއްޖެ ކަމަށާއި އެކަމުގެ ސަބަބަން ހަމާސް އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހިޔަނި އެޅި އަދި ރަހީނުން މިނިވަން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.
އިޒްރޭލުން ބުނާގޮތުން ހަމާސް ގެ އަތްދަށުގައި އިޒްރޭލުގެ 130 ރަހީނުން އަދިވެސް އެބަތިއްބެވެ.
މިއާއެކު ނަތަންޔާހޫގެ އޮފީހުން ބުނީ, މީގެ ދުވަސް ކޮޅެއްގެ ކުރިން އިޒްރޭލުގެ މަތީފަންތީގެ ވަފްދެއް އެމެރިކާއަށް ފޮނުވި ނަމަވެސް ދެވަނަ ވަފްދެއް ދެން ނުފޮނުވާނެ ކަމަށެވެ.
އިޒްރޭލުގެ ވަފްދެއް އެމެރިކާއަށް ފޮނުވަމުން ދަނީ, އިޒްރޭލުން ރަފާ އަށް އެރުމަށް އެކުލަވާލައިފައި ވާ ޕްލޭންގެ ފުރިހަމަ މައުލޫމާތު ނޭނގެނީސް އެކަމުގައި އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށް އެމެރިކާއިން ބުނެފައި ވާތީ އެކަމުގެ ތަފްސީލުތައް އެމެރިކާ އާ ހިއްސާ ކުރުމަށެވެ.
އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިފަހުން މިހާތަނަށް 32,000 މީހުން ޝަހީދު ކޮށްލާފައި ވާ އިރު ގެދޮރުން ނެރެލާފައި ވާ 1.5 މިލިއަން މީހުން މިހާރު ތިބީ މިސްރާ އިންވެގެން އޮންނަ ރަފާގައެވެ. އިޒްރޭލުން ބުނެފައި ވަނީ އެމެރިކާއިން ރުހުނަސް ނުރުހުނަސް އަދި ބައިވެރިވިޔަސް ނުވިޔަސް, އިޒްރޭލު އެކަނިވިޔަސް ރަފާއަށް އަރާނެ ކަމަށެވެ.