މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ސަނީފް ވަނީ އެކަން ސީދާ ހިނގީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
ޣައްސާން ވިދާލުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސް ކޮމިއުނިކޭޝަންއަކާ ހެދިކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެކަން ރާއްޖޭގެ ކޯސްޓްގާޑަށް އެ މައުލޫމާތު ނުދީ ހިންގުނީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް ބޯޑިން ޓީމުން އެރި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސެޓްލައިޓް ފޯނު ދޯނިތަކުގައި ބޭނުން ކުރާތީ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އިންޑިއާގެ ސަރަހައްދު ތެރޭގައި އެ ފޯނު ބޭނުން ކުރުން އެ ގައުމުގެ ގަވާއިދަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާ ކުރެވިފައި ކަމަށާއި އެހެންނަމަވެސް ރާއްޖޭގައި އެއީ ބޭނުން ކުރެވޭ ފޯނެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަ ގޮތުން މަސްވެރިން ވަކި ސަރަހައްދަކަށްވުރެ ބޭރަށް ނިކުންނަ ނަމަ އެ ފޯނު ބޭނުން ކުރުން ލާޒިމު ކަމަށާއި ރާއްޖޭގެ މަސްވެރިން ތިބީ ގާނޫނުތަކަށް ތަބާވެގެން ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބާ ގުޅިގެން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އެ ގައުމުން އަންގާފައިވާއިރު އެއީ މިނިސްޓަރު ގަބޫލު ކުރައްވާ ކަމެއްތޯ ނޫނީ އެކަމުގައި ފޮރުވިފައިވާ އެހެން ކަމެއް އޮވެދާނެ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ޣައްސާން ވަނީ އެއީ މިސް ކޮމިއުނިކޭޝަނެއްކަން ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގެ އެކުވެރި ގައުމަކުން ރަސްމީކޮށް ދެއްވާފައި އޮތް ޖަވާބަކީ އެއީ ކަމަށް ވިދާޅުވިއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް އެ ދުވަސްވަރު ނިއު ދިއްލީއަށް ކުރެއްވި ދަތުރުގައި އިންޑިއާގެ އެންމެ މަތީ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ބައްދަލުވުމުން ދެއްވި ޖަވާބަކީ އެއީ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.