ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ޝޮޕިން އަށް ގޮސް އުޅޭ ލަންކާގެ ކޮލަމްބޯގެ ވެއްލަވައްތަ ނޯ ލިމިޓުގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހިނގި މިހާދިސާގައި ނޯލިމިޓުގައި ރޯވެ ބޯކޮށް ދުން އަރަމުން ދިޔަ މަންޒަރުތައް ހިމެނޭ ވީޑިއޯ ކްލިޕްތައް ވަނީ އާންމު ވެފައެވެ.
މިހާދިސާގައި އެއްވެއް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ އިރު އޮފިޝަލުން ބުނީ އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
އާންމުކޮށް ހެދުމުގެ ބާވަތްތައް ވިއްކާ ނޯލިމިޓުގައި އަލިފާން ރޯވުމާއެކު ލަންކާގެ ފަޔާ ބްރިގޭޑުން ވަނީ އަލިފާން ނިއްވުމަށް ހަރަކާތްތެރި ވެފައެވެ. ޖުމްލަ 11 ފަޔާ ޓްރަކުން ފެންޖަހުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު އާންމުންގެ ގިނަ އަދަދެއްގެ ބަޔަކުވެސް އެހީތެރިވެ ދެމުން ގެންދިޔައެވެ. ނަމަވެސް އަލިފާން ރޯވެ ނޯލިމިޓު ތެރޭގެ ހޫނުމިން މަތިވެފައި ވުމުން އެތާ އެތެރެއަށް ވަނުމުގައި ފަޔާފައިޓަރުންނަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ވެސް އޮފިޝަލުން ބުނެފައި ވެއެވެ.
މުސްލިމުންގެ ބަޔަކު ހިންގާ ނޯލިމިޓުގެ އެކިއެކި ބްރާންޗްތައް ލަންކާގެ އެކި ސިޓީތަކުގައި ހުންނަ އިރު, 2014 ވަނަ އަހަރު ޕެނެޑުރާގައި ހުރި އައުޓްލެޓުގައި ވެސް ރޯވެ އަނދާފައި ވެއެވެ. އެފަހަރުގެ ހާދިސާ އާ ގުޅިގެން 300 މިލިއަން ރުޕީސްގެ ގެއްލުން ލިބުނު ކަމަށް އޭރު ރިޕޯޓު ކުރިއެވެ.
މީގެ ކުރިން ލަންކާގެ ޗާޗެއްގައި ބޮން ގޮއްވި ހާދިސާ އާ ގުޅިގެން މުސްލިމުން ދެކެ ރުޅިއައި ބަޔަކު މުސްލިމުންގެ އެކިއެކި ވިޔަފާރިތަކަށް ގެއްލުން ދީފައި ވާ އިރު އެ ފަހަރުވެސް ނޯލިމިޓުގެ ފިހާރަކަށް ގެއްލުން ދީފައި ވެއެވެ.
ނޯލިމިޓުގައި ރޯވި މިހާދިސާ ކަމާގުޅޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.