މިއަދު ފެންނިގެންދަނީ ޕީޕީއެމްގެ ވެރިކަމުގައި، ޗައިނާއިން ނަގާފައިވާ ލޯނުތައް ސަލާމަތް ނުވެވިގެން އުޅޭ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައިސް ސޯލިހް ވިދާޅުވީ މިއަދު ކުރިމަތިވެގެން އުޅޭ ދައްޗަކީ އިންޑިއާއިން ނަގާފައި ހުރި ލޯނުގެ މައްސަލަ ނޫން ކަމަށެވެ. އަދި ދައުލަތުގެ ދަރަނީގެ ހިސާބު ބެލުމުން އެކަން ފެނިގެންދާނެ ކަމަށެވެ.
އެގޮތުން ޗައިނާއިން ނަގާފައި ހުރި ދަރަނީގެ އަދަދަކީ 18 ބިލިއަން ރުފިޔާ ކަމަށާއި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޗައިނާއަން ދަރަންޏެއް ނަގާފައި ނޯންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އިތުރަށް ސޮއިކޮށްގެން ފައިސާއެއް ހޯދާފައި ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އިންޑިއާއިން ނަގާފައި އޮތީ 8 ބިލިއަން ރުފިޔާ ކަމަށާއި އެއީ 1.7 ބިލިއަން އިންޓްރެސްޓް ރޭޓުގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ. އަދި ދަރަނި ދައްކަން ޖެހޭނީ ދަރަންޏަށް ނެގި ފައިސާ ހަރަދު ކުރާ ވަރަކުން ކަމަށާއި ދަރަނި ދައްކަން 25 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
އެހެންކަމުން މިއަދު ގައުމަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ، އެ ބޭފުޅުން އޭރު ކުރީގައި ތިބިއިރު (ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި) ނަގާފައި ހުރި ދަރަނިތަކުން ސަލާމަތް ނުވެވިގެން އުޅޭ މައްސަލަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަވަށްޓެރި ގައުމުތަކުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮތް ދޫކުރައްވާކަށް ޖެހޭ ކަމަށެވެ. އަދިވެސް އެހީތެރިވާން ތިބޭނީ އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތައް ކަމަށެވެ.
ސަރުކާރަށް 4 މަސް ވީއިރު މެދުއިރުމަތީގެ އެއްވެސް ގައުމަކުން ވެސް 50 ޓަނު ކަދުރު ފިޔަވާ އިތުރު އެއްޗެއް ނުލިބޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ސަރުކާރު ހިނގަމުން ދަނީ ހަމަ މަގުން ނޫން ކަމަށާއި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.