ކަރަންޓު ކެނޑުމުގެ މައްސަލަ ޖެހިފައިވާ ހދ. ވައިކަރަދޫ ހިމެނޭހެން ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ހަ ރަށެއްގައި އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަން ފެނަކައިން ހާމަކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޖަނަރޭޓަރުތަކުގެ ތަފްސީލުތައް ހިއްސާކުރައްވައިފައެވެ. އެގޮތުން:

  1. ހދ. ވައިކަރަދު އަށް 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް
  2. ގދ. ހޯނޑެއްދު އަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް
  3. ހއ. ދިއްދު އަށް އެއް މެގަވޮޓުގެ ޖަނަރޭޓަރެއް
  4. އައްޑު އަށް އެއް މެގަވޮޓުގެ ޖަނަރޭޓަރެއް
  5. ކުޅުދުއްފުށްޓަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް
  6. ރ. މީދު އަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް

މީގެ ތެރެއިން ވައިކަރަދު އަށް ގެންދަން ޖެހޭ ޖަނަރޭޓަރު ބަރުކޮށްގެން އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހޯޑެއްދު އަށް ގެންދިޔަ ޖަނަރޭޓަރު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއާޒް ވިދާޅުވިއެވެ.

ދެން ހުރި ޖަނަރޭޓަރުތައް ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭ މި ހުރިހާ ޖަނަރޭޓަރެއް ގުޅާލެވޭނެ ކަމަށް ބެލެވޭ،"

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވި ގޮތުގައި، އާ ޖަނަރޭޓަރު މިއަދު ހަވީރު އެ ރަށަށް ލިބި ފަތިހުގެ ކުރިން ގުޅާލެވޭނެ ކަމަށް ބެލެވެއެވެ.