ރަޝިއާގެ ބޯޑަރު ސިޓީއެއް ކަމަށް ވާ ބެލްގޮރޮޑް އަށް ޔޫކްރައިން އިން ދިން މިސައިލް ހަމަލާތަކުގައި 16 މީހަކު މަރުވެ 98 މީހަކު ޒަހަމްވި ހާދިސާގެ ބަދަލު ހިފަން ރަޝިއާއިން ފޮނުވާލި މިސައިލްތައް ކީވް ގެ މަތިން ފޭބީ ވާރޭ ވެހޭ މިސާލުންނެވެ.
ޔޫކްރައިންގެ އޮފިޝަލުން ބުނީ ރަޝިއާއިން ޖުމްލަ 31 މިސައިލް ފޮނުވާލި ކަމަށާއި ގިނަ މިސައިލްތައް ވެރިރަށް ކީވް އަށް އަމާޒު ކުރި ނަމަވެސް ހުރިހާ މިސައިލެއް ވެސް ވައިގެ ތެރޭގައި ގޮއްވާލި ކަމަށެވެ. އެއާއެކު ގޮވައިގެން ފައިބަމުން ދިޔަ މިސައިލްގެ ކުނޑިތައް ކީވްގެ އެތަން މިތަނަށް އޮހެމުން ދިޔަ ކަމަށާއި އެއީ މި ހިނގާ ހަފްތާގައި ރަޝިއާއިން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ.
މި ހަމަލާގައި ކީވް އާ ކައިރި ބައެއް ސިޓީތަކަށް މިސައިލް އަރާފައި ވާ އިރު, ކޮފީ ޝޮޕްތަކާއި އާންމު އެހެނިހެން ވިޔަފާރިތަކާއި އާންމުންގެ ބައެއް ގޭގެ އަށް ގެއްލުން ވި އިރު, އިމާރާތްތަކުގައި ހުރި ބިއްލޫރި ދޮރުތައް ފުނޑުފުނޑުވެގެން މުޅި ސަރަހައްދަށް ވަނީ އެޅިފައި ކަމަށް ވެސް އޮފިޝަލުން ބުނެފައި ވެއެވެ.
ރަޝިއާ ގެ ހަމަލާގައި ޔޫކްރައިން އިން 17 މީހަކު ޒަހަމްވި އިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އަދި ބައެއް މީހުންނަށް ލިބިފައި ވާ ޒަހަމްތައް ބޮޑު ކަމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.
ފަތިހު 3 ޖެހީއްސުރެ މިސައިލް އެލާމް ނުކެނޑި ކީވް އާއި އަދި އިންވެގެން އޮންނަ ދެ ސަރަހައްދަކަށް އަޑު ގުގުމާލާފައި ވާ އިރު އެ ހަމަލާތަކުގައި ހަކަތައިގެ ވިއުގައިގައި ހިމެނޭ ބައެއް ނިޒާމުތަކަށް ގެއްލުން ލިބިފައި ވާ ކަމަށް ވެސް ބުނެއެވެ.
ހަމަލާތަކުން ރައްކާތެރިވުމަށް ގިނަ ބަޔަކު މެޓްރޯ ސްޓޭޝަން ތަކަށް ދިޔަ އިރުވެސް އެމީހުންގެ ބޯމަތިން މިސައިލްތަކުގެ ކުނޑިތައް ފައިބަމުން ދިޔަ ކަމަށް ވެސް ބުނެއެވެ.
ޔޫކްރައިން އާއި ރަޝިއާގެ ހަނގުރާމަ އަށް 2 އަހަރުވެ ކުރިއަށް ދާއިރު ރަޝިއާއިން ބުނެފައި ވަނީ, މި ހަނގުރާމަ އަކީ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައެއް ކަމަށާއި ހަނގުރާމަ ހުއްޓާލުން އޮތީ މަގުސަދު ހާސިލުވުމުން ކަމަށެވެ. އަދި 2 އަހަރު ނުވަތ 3 އަހަރުގެ ސުލްހައެއް ރަޝިއާއިން ބޭނުން ނުވާ ކަމަށާއި މައްސަލަ ނިމެންވާނީ ދާއިމީ ސުލްހައަކުން ކަމަށް ވެސް ބުނެފައި ވެއެވެ.
ރަޝިއާގެ މައްސަލަ އަކީ ޔޫކްރައިން ނޭޓޯ އަށް ވަންނަން އުޅުމެވެ. ޔޫކްރައިން އަކީ ނޭޓޯގެ މެންބަރަކަށް ވެއްޖެ ނަމަ, ނޭޓޯގެ ޗާޓާ ބުނާގޮތުން މެންބަރު ގައުމުތަކުގެ ދިފާއުގައި އެ ޖަމާއަތުގެ ހުރިހާ ގައުމަކުން ބައިވެރިވާން ޖެހޭނެއެވެ. އެހެން އެކަން ވެއްޖެ ނަމަ ޔޫކްރައިންގައި ނޭޓޯގެ ދިފާއު ގާއިމު ކޮށް ރަޝިއާގެ ބުޑުގައި އަސްކަރީ ހަރަކާތްތައް ހިނގާނެއެވެ. މިއީ ރަޝިއާއިން ގަބޫލު ކުރާ ގޮތެއް ނޫނެވެ. އެ ގައުމުން ބުނެފައި ވަނީ އެކަން އެހެން ވިޔަ ނުދޭނެ ކަމަށާއި ޔޫކްރައިން އަށް އެހީވުމަށް ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރައިން އަށް ވަދެއްޖެ ނަމަ އެ ގައުމުތަކަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި ގައުމުގެ ދިފާއުގައި ނިއުކްލިއާ ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.