ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާ އިރު އިޒްރޭލުން ހިފަން ބޭނުންވާ އަލް ޝިފާ ހޮސްޕިޓަލް ހުސްކުރަން ފަހުގެ އިންޒާރު ދީފިއެވެ.
މިހާރުވެސް ޝިފާ ހޮސްޕިޓަލަށް ހަމަލާ ދެމުން ގެންދާ އިރު އިޒްރޭލުން ފަހުވރުވެރިކަމާއެކު ބުނެފައި ވަނީ ބަޑިޖަހާ 140 މީހަކު ޝަހީދު ކޮށްލެވިފައި ވާ ކަމަށެވެ. މިއަދު އެންމެ ފަހުން ދިން އިންޒާރަކީ އެތާނގައި ތިބި ބަޔަކު ވިއްޔާ ނިކުމެގެން ދިޔުމަށާއި ނުގޮސްފިނަމަ އެމީހުނާއެކު ހޮސްޕިޓަލް އެއްކޮށް ގޮއްވާލާނެ ކަމުގެ އިންޒާރެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ 31,988 މީހަކު ޝަހީދު ކޮށްލައި 71,188 މީހަކު ޒަހަމް ކޮށްލާފައި ވާ އިރު އިޒްރޭލުން ގެންދަނީ ގާޒާގެ އެތަން މިތަނަށް ބޮން އަޅާ ޑްރޯނާއި މިސައިލް ހަމަލާ ދެމުންނެވެ.
މިއާއެކު އިޒްރޭލުން ބުނެފައި ވަނީ ޝިފާ ހޮސްޕިޓަލުން ހަނގުރާމަވެރިންގެ 600 މީހުން މިހާރުވެސް ހައްޔަރު ކޮށްފައި ވާ ކަމަށާއި އެއެންމެންނަކީވެސް ހަމާސް އާއި އިސަލާމިކް ޖިހާދަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެމީހުން ގެންގުނު ހަތިޔާރާއި ޖާސޫސީ މައުލޫމާތު ހިމެނޭ ލިޔެކިޔުންވެސް އަތުލާފައި ވާ ކަމަށެވެ.
އިޒްރޭލުން އެހެން ބުނި ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ޒަހަމްތަކާއެކު ނުހިނގި ތިބި އާންމުންނާއި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
އިޒްރޭލުގެ ވާހަކަތައް ދޮގުކޮށް ހަމާސް އިން ބުނެފައި ވަނީ ޝިފާ ހޮސްޕިޓަލްގައި އެޖަމާއަތުގެ ހަތިޔާރުއެޅި އެއްވެސް މީހަކު ހަރަކާތްތެރި ނުވާ ކަމަށެވެ. މީގެ އިތުރުން ބުނެފައި ވަނީ ޝިފާ ހޮސްޕިޓަލް ކައިރީގައި ހަރަކާތްތެރިވި އިޒްރޭލުގެ ސްނައިޕަރުންގެ ތެރެއިން މީހަކު ހަމާސްގެ ސްނައިޕަރުން ބަޑިޖަހާ މަރާލާފައި ވާ ކަމަށެވެ.
އިޒްރޭލުން ވަރުގަދަ އިންޒާރުތައް ދެމުން ގެންދަމުން މިއަދުވެސް ވަނީ ރަފާ އަށް އަރާނެކަން ތަކުރާރު ކޮށްފައެވެ. އިޒްރޭލުގެ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ބުނީ އެމެރިކާއިން ދެކޮޅު ހެދިޔަސް ނުހެދިޔަސް ރަފާ އަށް އަރާނެ ކަމަށާއި ރަފާގެ ކޮންޓްރޯލް އިޒްރޭލުން ނަގާނެ ކަމަށެވެ.
ރަފާ އަކީ މިވަގުތު 1.5 މިލިއަން މީހުން ތިބި ތަނަކަށް ވާ އިރު އެމީހުންނަށް ބޭނުންވާ ކާބޯތަކެތި ލިބުމުން އިޒްރޭލުން މަހުރޫމު އެމީހުން ބަނޑަށް ޖައްސާ މަރަމުން ގެންދާ އިރު ޑަބްލިއުއެޗްއޯގެ ވެރިޔާ މިއަދު ވަނީ ހާންތިވަމުންދާ ފަލަސްތީނުގެ ރައްޔިތެއްގެ ފޮޓޯއާއެކު ޓްވީޓެއް ކުރެއްވައި އިންސާނީ އެހީ ފޯރުކޮށް ދޮނުމަށްޓަކައި ހަމަ މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ވަނީ ގާޒާ މައްސަލައިގައި ހުޅަނގުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތު ބަދަލުކޮށް ޔޫކްރައިން މައްސަލައިގައި ވެސް ހައްގުތަކަށް ވަކާލާތު ކުރާ ގޮތަށް ވަކާލާތު ކުރުމަށް ވެސް ގޮވާލައްވާފައެވެ.
ގާޒާ ހަނގުރާމަ މި މާތް ރަމަޟާން މަހު އިތުރަށް ވަރުގަދަ ކޮށްފައި ވާ އިރު ސުލްހަ ގެނެވޭތޯ އެމެރިކާ އާއި އަރަބި ވެރިން ބައިވެރިވާ ސަމިޓެއް މިސްރުގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމެރިކާގެ ދައުރަކީ ގާޒާ މައްސަލައިގައި އަރަބިން އެކަތިގަނޑަކަށް ހަދާ އެމީހުން ރުއްސައިގެން އިޒްރޭލާ ބައިތު ހިފައިގެން މެދުރިއުމަތީގައި ސަލާމަތުން ތިބުމަށް ބާރުއެޅުމެވެ.
އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަހަތުގައި އެމެރިކާ އޮތް އިރު އިޒްރޭލަށް ބޭނުންވާ ހަތިޔާރާއި ފައިސާގެ އިތުރުން އިސްތިރާޖީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދޭ ގައުމަކީ އެމެރިކާއެވެ.