119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުވި ފަރާތް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ޑިސެމްބަރު 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރިން ފުލުހުން ހިފެހެއްޓި ޓެކްސީއެއްގެ ޑިކީ ތެރޭ އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 24 ރަބަރު ޕެކެޓާއި ބެކްޕެކެއްގެ ތެރެއިން 4 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މައްސަލައެކެވެ.

މި މައްސަލައިގައި ތިން ފަރާތެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ދައުވާ ސާބިތުވެފައިވަނީ އެންމެ ފަރާތެއްގެ މައްޗަށެވެ. އެގޮތުން ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ/އަލޯރާ، އަހުމަދު މުޖާހިދާ ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯޑެއްދޫ/އިރުމަތީގެ، އަހްމަދު ސުނައިނު އަށެވެ. މިތަނުން ދައުވާ ސާބިތުވެފައިވަނީ އަލީ ޒުބައިރުގެ މައްޗަށެވެ.

މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.

މި މައްސަލާގައި ސުނޭނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް އެ ތިން މީހުން މަސްތުވާތަކެތި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކަމަށް ބެލެވޭ 7 ފުޓޭޖެއް ފުލުހުން ހުށައަޅާފައިވެއެވެ.

ނަމަވެސް ޝަރީއަތުން ވަނީ މި ފުޓޭޖުތަކަކީ ޖުމްލަ ގޮތެއްގައި ސާފު ފުޓޭޖުތަކެއް ނަމަވެސް ބައެއް އިމޭޖުތަކުން މީހަކު އަޅައި ކިޔުމަށް އެކަށީގެންވާ މިންވަރަށް ސާފުނޫންކަމަށް ބުނެ ފުޓޭޖުތަކުގެ ބުރަދަނެއް ނެތް ކަމަށް ބުނެފައެވެ.