މިދިޔަ މަހު ޒަކާތު ހައުސިންއިން އެހީގެ ގޮތުގައި 740،805.79 ރުފިޔާ ހަރަދުކޮށްފިއެވެ.

ޒަކާތު ފަންޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އެހީ ހަރަދުކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބޭސް ފަރުވާގެ ކަންކަމުގައި ޖުމްލަ 69 ފަރާތަކަށެވެ.

އެހީ ދީފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކެންސަރާއި ހިތުގެ އޮޕަރޭޝަނާއި ސިކުނޑީގެ އޮފަރޭޝަނާއި ޓްރާންސްޕްލާންޓާއި އެހެނިހެން ފަރުވާތަކެވެ.

އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 245،948.50 ރުފިޔާ ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 16،962 ރުފިޔާ އެ ފަންޑުން މިދިޔަ މަހު ވަނީ ދީފައެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 76،329 ރުފިޔާ އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް 16،962 ރުފިޔާ އެ ފަންޑުން ވަނީ ހަރަދުކޮށްފައެވެ.

އޭގެ އިތުރުން އެހެނިހެން ފަރުވާތަކަށް 473،746 ރުފިޔާ މިދިޔަ މަހުގެ ތެރޭގައި އެ ފަންޑުން ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12750 ރުފިޔާ ދީފައިވާއިރު އޭއީ ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ދީފައިވާ އެހީއެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު އެހެނިހެން ހަރަދުގެ ގޮތުގައި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 374،950.28 ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ އާމިލުންގެ އުޖޫރައިގެ ގޮތުގައި 192،432.81 ރުފިޔާ ވަނީ ހަރަދުކޮށްފައިވެއެވެ. އަދި ޖަލްސާ އަދި ސެމިނާ ފަދަ ކަންތައްތަކަށް 93,761.61 ރުފިޔާ އެ ފަންޑުން މިދިޔަ މަހު ވަނީ ހަރަދުކޮށްފައެވެ.