ރަޝިއާ ސިފައިން ދާދި ފަހުން ހިފި އަވްދީވްކާ އާ ގާތްގަނޑަކަށް 9.5 ކިލޯމީޓަރު ދުރުގައި އޮންނަ އޯރްލިވްކާ ސަރަހައްދު ހިފައިފިއެވެ.
މިއީ ރަޝިއާ އިން ހިފާފައި ވާ ޑޮނެކްސްގެ ވިލެޖެކެވެ.
މި ސަރަހައްދު ހިފުމުގައި ރަޝިއާ ސިފައިންނަށް މާބޮޑު އުނދަގުލެއް ކުރިމަތިވެފައި ނުވި ނަމަވެސް ޔޫކްރައިން ސިފައިނާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި 2 މީހަކު މަރުވެފައި ވާ ކަމަށް ހަބަރުތަކުން ބުނެއެވެ.
ހަނގުރާމަ އަށް 754 ދުވަސް ވެގެން ގޮސްފައި ވާއިރު, ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, މިހިނގާ މާޗް މަހުގެ މިހާތަނަށް އައިއިރު ރަޝިއާއިން ގައިޑަޑް ބޮމް [އަމާޒަށް ދަތުރުކުރާ މިސައިލް] ގެ 900 ހަމަލާ ދީފައި ވާ ކަމަށެވެ. އޭގެ އިތުރުން 130 މިސައިލް ހަމަލާ އާއި 320 ޑްރޯން ހަމަލާ ދީފައި ވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އާ ދައުރެއް ޕުޓިން ކާމިޔާބު ކުރައްވައި ހަނގުރާމައިގެ އިސްތިރާޖުތައް ވަރުގަދަ ކުރައްވާފައި ވާ އިރު ނޭވީ ޗީފްވެސް މިހާރުވަނީ ބަދަލު ކުރައްވާފައެވެ. އަދި މި ކާމިޔާބީ އާ އެކު އަންމަ މެއި މަހު ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ވެސް ރައީސް ވަލްޑިމިއަ ޕުޓިން ވަނީ ނިންމަވާފައެވެ. މިއީ އަސްކަރީ ގުޅުމާއި އިގްތިސޯދީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މުރާސިލުން ބުނެއެވެ.
ރަޝިއާގެ ކުރިމަތީގައި ހިފަހައްޓާލަން ޔޫކްރައިން އަށް ގޮންޖެހުންތަކާ ކުރިމަތިވަމުން ދާ އިރު އެ ގައުމަށް މަދަދު ދޭ ހުޅަނގާއި އެމެރިކާއިން ވެސް ދަނީ އާ އިސްތިރާޖުތައް ކުރިއަށް ނެރެ, އިތުރު އެހީތައް ޔޫކްރައިން އަށް ދެމުންނެވެ.
އެގޮތުން ޖަރުމަނުން ވަނީ 542 މިލިއަން ޑޮލަރުގެ އަސްކަރީ ޕެކޭޖެއް ދޭން އިއުލާން ކޮށްފައެވެ. ފިންލޭންޑުން 32 މިލިއަން ޑޮލަރުގެ ޕޭކޭޖެއް ދޭ އިރު, އީޔޫ އިން ވަނީ 5.4 ބިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖެއް އިއުލާން ކޮށްފައެވެ.
ޒެލެންސްކީ މިވަގުތަށް އެންމެ ކަނބޮޑުވެވަޑައިގަންނަ ވަނީ އެމެރިކާއިން ދޭން ބުނާ 60 ބިލިއަން ޑޮލަރުގެ ޕެކޭޖް އަދިވެސް އެމެރިކާގެ ކޮންގްރެސް އިން ފާސްވެފައި ނުވާތީއެވެ. އޭނާ ވިދާޅުވަނީ އެމެރިކާގެ އެހީ ޔޫކްކައިނަށް ވަރަށް މުހިންމު ކަމަށާއި ރަޝިއާ ބަލިކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުން ވާ ކަމަށެވެ.
ޔޫކްރައިން ހަނގުރާމައަށް ވެސް އަވަސް ހައްލެއް ފެންނަން ނެތް އިރު ޕުޓިން ވަނީ, އެގައުމުގެ ސެކިއުރިޓީ ކުންފުނިތަކުން އަސްކަރިއްޔާ އަށް އެހީތެރިވުމަށް ގޮވާލައްފާވައެވެ.
މިއާއެކު ހުޅަނގުގެ ގައުމުތަކުން ޔޫކްރައިން އާ ބައިވެރިވެ ހަނގުރާމައިގެ ތެރެއަށް ވަންނަ ކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެފަރާތްތަކަށް ރަޝިއާގެ ސްޕައި ޗީފް [ޖާސޫސީ ވެރިޔާ] ވަނީ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ, ފްރާންސްގެ ފައުޖެއް (2000 ސިފައިން) ޔޫކްރައިނާ ބައިވެރިވާން އުޅޭކަމުގެ މައުލޫމާތު އެބަހުރި ކަމަށާއި އެ މީހުން ބައިވެރިވެއްޖެ ނަމަ, ރަޝިއާގެ އެންމެ މުހިންމު އަމާޒަކަށް ވާނީ އެމީހުންނަށް ހަމަލާ ދިނުން ކަމަށް ވިދާޅުވެފައެވެ.
"ފްރެންޗް ކޮންޓިންޖެއްޓް ރަޝިއާގެ ދުނިޔެއަށް [ޔޫކްރައިން އާ ބައިވެރިވެ ޔޫކްރައިން އަށް ވަނުން] ވަދެއްޖެ ނަމަ އެމީހުންނާ ކުރިމަތިލާނީ ރަޝިއާގެ ކަނޑިތައް" ޗީފް ސާޖީ ނަރީޝްކިން ވިދާޅުވިއެވެ.
މި މައްސަލައިގައި ފްރާންސުން އަދި ބަހެއް ނުބުނެއެވެ.
ރަޝިއާގައި ނިމިދިޔަ އާންމު އިންތިހާބުގައި ޕުޓިން ވަނީ 3 ކެންޑިޑޭޓަކާ ވާދަ ކުރައްވައި 87 ޕަސެންޓުގެ ތާއީދާއެކު އާ ދައުރެއް ޔަގީން ކުރައްވާފައެވެ. މިއާއެކު އޭނާއަށް ގިނަ ގައުމުތަކުގެ ވެރިން މަރުހަބާ ދަންނަވާފައި ވާ އިރު ހުޅަނގާއި އެމެރިކާއިން ވަނީ ފާޑުކިޔާފައެވެ.