ގާޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ތެރޭގައި މަނީ ލޯންޑަރިންނާއި ތުހުމަތު ކުރެވޭ މުޖާހިދުން ތިބިކަމަށް ބުނެ އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދީ 50 މީހަކު ޝަހީކޮށްލާފައި ވަނިކޮށް, އިޒްރޭލު ސިފައިންގެ ބަޔަކު މަރާލައި އެތައް ބަޔަކު ޒަހަމް ކޮށްލައިފި ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމާސް ގެ އަލް ގަސަމް ބްރިގޭޑުން ބުނީ, ގާޒާގެ އެތަން މިތާނގައި އިޒްރޭލު ސިފައިންނަށް އަމާޒު ކޮށް ހަމަލާ ދެމުން ގެންދާ ކަމަށާއި އެގޮތުން ޝިފާ ހޮސްޕިޓަލް ކައިރީގައި ހަރަކާތްތެރިވި އިޒްރޭލު ސިފައިންގެ ތެރެއިން ބަޔަކު މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލާފައި ވާ ކަމަށެވެ.
ގަސަމް ބްރިގޭޑުން ބުނީ އެމީހުން ހަމަލާ ދިނީ ރޮކެޓުން ކަމަށެވެ. އަދި އުތުރުގެ ނެޒާރިމް ސަރަހައްދުގައި ހަރަކާތްތެރިވި އިޒްރޭލުގެ ފައުޖަކަށް މިސައިލް ހަމަލާދީ މަރާލި ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމާސް އިން އިތުރަށް ބުނީ, ޝިފާ ހޮސްޕިޓަލްގައި ތިބި އާންމުންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ހަމަލާދެމުން ގެންދިޔަ ނަމަވެސް އެއީ ކާމިޔާބު ވާނެ އުކުޅެއް ނޫން ކަމަށާއި ހުރިހާ ދިމާއަކުން އިޒްރޭލު ސިފައިންނަށް ހަމަލާ ދޭނެ ކަމަށެވެ.
ގާޒާގައި ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅޭ ގޮތުން އިޒްރޭލުން ބުނީ, އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ގުޝް އެޒިއޯން ސަރަހައްދުގައި އެމީހުންގެ ސިފައިންނަށް އަމާޒު ވި ހަމަލާއެއްގައި 2 މީހަކު ޒަހަމްވެފައި ވާ ކަމަށެވެ. ނަމަވެސް ހަމަލާދިން މީހުން މިހާރު ނައްތާލާފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަލް ޝިފާ ހޮސްޕިޓަލް ސަރަހައްދުގައި ހަނގުރާމަ ބާރުކަމަށް މުރާސިލުން ބުނާ އިރު އިޒްރޭލުން ގެންދަނީ އެސަރައްދަށް ބޮން އަޅާ, އެއްގަމު މަގުން ޓޭންކަރުތަކުގައި ވަދެ ހަމަލާ ދެމުންނެވެ. އަދި ހިނގާބިނގާވާ މީހަކު ފެންނަ ނަމަ ބަޑިވެސް ޖަހައެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދަކީ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ދުވަހަކަށް ވާއިރު އެ ހަމަލާތަކުން ސަލާމަތްކަން ހޯދަން އާންމުން ވަނީ ދަރިން ކިހިލި ޖަހާލައިގެން ފައިބަމުގައި ގާކުނޑިތަކުގެ ތެރެއިން ދަތުރު ފަށާފައެވެ.
ޝިފާ ހޮސްޕިޓަލަކީ ގާޒާގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވާ އިރު އެތަނަށް ބޮން އަޅާ ބޮޑުބައެއް ބިމާ ހަމަކޮށްލާފައި ވީ ނަމަވެސް އަދިވެސް އާންމުން އެތާނގައި އެބައުޅެއެވެ. މި ރޯދަ މަހު ކާއެއްޗެއް ނުލިބި ރޯދައަށް ތިބި އެތައް ބަޔަކު އެތާނގައި ތިބި އިރު އިޒްރޭލުން އަންގާފައި ވަނީ އެންމެން ޝިފާ ހޮސްޕިޓަލް ދޫކޮށް ދިޔުމަށެވެ.
މުރާސިލުން ބުނާގޮތުން އިޒްރޭލުން އަމާޒު ހިފާފައި ވަނީ ޝިފާ ހޮސްޕިޓަލް ހުސްކޮށް އެތަނަކީ އިޒްރޭލު ސިފައިން ގާއިމުވެ ތިބޭ މަރުކަޒަކަށް ހަދާށެވެ.
ގާޒާގައި އިޒްރޭލު ސިފައިންގެ އޮޕަރޭޝަން ވަރުގަދަ ކޮށްފައި ވާ އިރު ގަވައިދާ ހިލާފަށް ވަޒަންވެރިވާ އިޒްރޭލުގެ މީހުން މިހާރުންސުރެ ދަނީ އެކި ސަރަހައްދުތަކުގައި ބަނޑަހަ ޖަހަމުންނެވެ. އެގޮތުން ހިފާފައި ވާ ހުޅަނގު އައްސޭރީގެ 18 ސަރަހައްދެއްގައި 15 އައުޓްޕޯސްޓް ]ގެ[ މިހާރު ހަދާފައި ވާ ކަމަށް ހަބަރުތަކުން ބުނެއެވެ.
އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވާހަކަތައްވެސް މިވަގުތު ކުރިއަށް ދާއިރު މެދުވެރިއެއްގެ ދައުރު އަދާ ކުރާ ގަތަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް މިއަދު ވަނީ ނިންމާލާފައެވެ. އެ މަޝްވަރާތަކުގައި އިޒްރޭލުގެ އިންޓެލިޖަންސް, މޮސާޑުގެ ވެރިޔާ ބައިވެރިވެ އަނބުރާ ތެލްއަވީވަށް ގޮސްފައި ވާ އިރު ގަތަރުން ބުނީ, ވާހަކަތަކުން އަދި އަލިމަގެއް ނުފެނުނު ނަމަވެސް އުއްމީދެއް އެބައޮތް ކަމަށެވެ. އެގޮތުން މިހާރު އާދެވިފައި ވާ ހިސާބުން, ހަމާސްގެ ހުށަހެޅުމުގެ މައްޗަށް އިޒްރޭލުން ހުށަހަޅާ ކަރުދާސް ހުށަހަޅެމުން ހަމާސް އާ ހަވާލު ކުރާނެ ކަމަށާއި އެއީ ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ.
ވަށައިގެން ހުރި ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ދާއިރު އިޒްރޭލުގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ވަނީ ފޯނުން ވާހަކަ ދައްކާ, ހާލަތާ ބެހޭ މައުލޫމާތު ބަދަލުކޮށްފައެވެ. އެ ވާހަކަތަކަށް އިޝާރާތް ކޮށް ބޮޑުވަޒީރު ނަތަންޔާހޫ ބުނީ, ވަރަށް ސާފުކޮށް ބައިޑަން އަށް ދަންނަވާފައި ވާނީ, އެއްގަމު މަގުން ރަފާއަށް އެރުން ނޫން ގޮތެއް ނެތް ކަމަށާއި ހަމާސް ނައްތާލުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވައި ބައިޑަން ވިދާޅުވި ކަމަށް ވައިޓްހައުސް އިން ބުނީ ރަފާ އަށް އެރުމަކީ "މިސްޓޭކެއް" ކަމަށާއި ރަފާގައި ތިބި 1.5 މިލިއަން މީހުން ރައްކާތެރިކަމާއެކު ރަފާ އިން ބޭލޭނެ ސާފު ޕްލޭނެއް ނެތި އެކަން ކުރަން އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށެވެ.
މިއާއެކު އިޒްރޭލުން މިހާރު ނިންމާފައި ވަނީ ސިފައިންގެ އިސް އޮފިޝަލުން ހިމެނޭ ޓީމެއް އެމެރިކާއަށް ފޮނުވުމަށެވެ.
އިޒްރޭލުން ރަފާ އަށް އެރުމާ ދެކޮޅު ހަދާ ހުޅަނގާއި އެހެން ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ އިރު މިއަދުވެސް އިޒްރޭލުން ވަނީ ރަފާގެ ބަޔަކަށް އެއްގަމު މަގުން ވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި އދ އިން އެހީގެ ތަކެތި ގުދަން ކޮށްފައި ވާ ތަނަކަށް މިސައިލް ހަމަލާއެއް ދީ އެތަން ހަލާކު ކޮށްލައި 2 މީހަކު މަރާލާފައި ވެސް ވެއެވެ.