ސީ ޕްލޭންގެ ގޮތުގައި ތައްޔާރު ކޮށްފައިވާ އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ މިއަދު ދ. ކުޑަހުވަދޫ އިން މާލެއަށް ގެނެސްފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށް ފަށާފައިވާ އިރު، އެ ފްލީޓުގެ ސީޕްލޭން ތައާރަފު ކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މިއަދު ފުރަތަމަ ބަލި މިހާއާއެކު ސީޕްލޭން އެއާ އެމްބިއުލާންސް މިވަނީ ދަތުރު ކޮށްފައެވެ. މޯލްޑިވިއަން އިން އެއާ އެމްބިއުލާންސްގެ ގޮތުގައި އޮޕަރޭޓް ކުރަން ފެށި ފްލައިޓަކީ ޑީއެޗްސީ6ގެ ސީޕްލޭން ޓްވިން އޮޓާގާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައި ވަނީ ޑޭޝް 8-200 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކޮށްގެންނެވެ. އެ ބޯޓުން މިހާތަނަށް 25 ކާމިޔާބު ދަތުރުކޮށްފައިވާ އިރު، މިއަދު މި ވަނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭންގައި މެޑިކަލް ދަތުރުތަކުގައި މީހުން އުފުލަން ފަށާފައެވެ. ސީޕްލޭން ހަމަޖެއްސި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ، އެއާޕޯޓް ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލަން ޖެހިއްޖެ ހާލަތުގައި އެކަން ކުރެވެނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދިނުން ފެށުން ވެގެން ދާނީ ސިއްހީ ގޮތުން ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވިއަނުން ބުނެފައި ވެއެވެ. އޕްލޭންތަކުގައި ޒަމާނީ އެމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ހުންނާނެ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.