ކޮވިޑް-19 ގެ ދުވަސްވަރު ދިރާސީ އާ އަހަރު އޯގަސްޓް މަހު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ބަދަލު ގެނައީ އެ ބަދަލު ގެނައުމަށް ގިނަ ބެލެވެރިންނާއި މުދައްރިސުން ދެކޮޅު ހަދާފައި ވަނިކޮށް ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި ޝަފީއު ވިދާޅުވީ، ކޮވިޑް-19 ގެ ދުވަސްވަރު ދިރާސީ އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލާ ގުޅިގެން ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މިނިސްޓްރީން އޭރު ބެލި ކަމަށެވެ.
މިކަމުގައި އެޑިއުކޭޝަން މިނިސްޓްރީން އޭރު ދިރާސާތަކެއް ކުރި ކަމަށާއި، މިނިސްޓްރީން އޭރު ބަދަލު ގެނައީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީން އޭރު 30 ހާސް މީހުން ލައްވާ ކުރި ދިރާސާއަކުން ދައްކާ ގޮތުން ގާތްގަނޑަކަށް 69 ޕަސެންޓު މީހުން ބޭނުންވީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީން ޑިސެމްބަރަށް ގެންދިއުމަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.
"އެކަޑެމިކް ކަލަންޑާ އާ ކުޅޭކަށް ރައްޔިތުންނެއް ނޭދޭ، ޓީޗަރުންނެއް ނޭދޭ، އަދި ދަރިވަރުންގެ ފަރާތުން ނެގިފަ ހުރި މައުލޫމާތުތަކަށް ބަލާލާއިރުގަ ވެސް ދަރިވަރުން ވެސް ނޭދޭ،"
އޭރު އެ ބަދަލު ގެނައީ ދައުލަތުގެ ބަޖެޓާއި ދިރާސީ އާ އަހަރު ދިމާކުރުމަށް ކަމަށާއި، ނަމަވެސް އެ ބަދަލުގެ ސަބަބުން ވީ ފައިދާ އަށް ވުރެ ލިބުނު ގެއްލުން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ އެ ބަދަލުގެ ސަބަބުން ގިނަ ކުދިންނަށް ހަ މަހުގެ ވަގުތު ގެއްލިފައިވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
"ނަތީޖާއަކަށް ވާނީ ހަ މަސް ދުވަހުގެ ކޮންޓްރިބިއުޝަން ނޭޝަން ޑިވެލޮޕްމެންޓަށް އެ ކުދިންގެ ކެރީއާއިން އެ ކުދިންގެ ދިރިއުޅުމުން ގެއްލިގެން ދިއުން،"
ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ މި އަހަރުގެ ކުރީކޮޅުގައެވެ.
އޭރު ސަރުކާރުން ބުނީ ވަޒީރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލާ އެކު 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ ކަމަށާއި ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.