ސަރުކާރުން ކަނޑައަޅާފައިވާ އެއް ގައުމީ ލަނޑުދަނޑި ކަމަށްވާ އޯލެވެލްގެ ފަސް މާއްދާއިން ކޮންމެ އަހަރަކު އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން 65 ޕަސެންޓު ދަރިވަރުން ފާސްކުރުމުގެ އަމާޒަށް ހަގީގަތުގައި ވާސިލުނުވެވޭ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަކީ އޭޝިއާ ސަރަހައްދުގައި ބައިނަލްއަގުވާމީ މަންހަޖަކަށް ޔުނިވާސަލް ފެންވަރެއްގައި ކިޔަވައިދޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށާއި، ބައިނަލްއަގުވާމީ މަންހަޖަކަށް އޯލެވެލާއި އޭލެވެލް ބައްޓަންކޮށްގެން ކިޔަވައިދެމުންދާ މަދު ގައުމުތަކުގެ ތެރޭ ހިމެނޭ އެއް ގައުމު ކަމަށެވެ.

ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމުން އެކަށީގެންވާ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، އެގޮތުން ޔުނިވާސަލް ގޯލް އޮފް ޕްރައިމަރީ އެޑިއުކޭޝަނަށް ބަލާއިރު ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެ ލަނޑުދަނޑި ހާސިލްކުރި އެންމެ ފުރަތަމަ ސަރަހައްދީ ގައުމު ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ތައުލީމީ ފެންވަރަށް ބަލާއިރު ގިނަ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، އޯލެވެލް އިމްތިހާނުން ފާސްވާ ދަރިވަރުންގެ އަދަދު ދަށްކަން ޝަފީއު ފާހަގަކުރެއްވިއެވެ.

އެގޮތުން، ސާނަވީ އިމްތިހާނު ނުވަތަ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ވެސް ގައުމީ ލަނޑުދަނޑިކަމަށްވާ 65 ޕަސެންޓު ދަރިވަރުން ފަސް މާއްދާއިން ފާސްކުރުމުގެ އަމާޒަށް ހަގީގަތުގައި ވާސިލްނުވެވޭ ކަމަށާއި، ގައުމީ ލަނޑުދަނޑިތައް ހާސިލްނުވާ ނަމަ 'ލާނިން ލޮސް'ތަކެއް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލާނިން ލޮސްތައް ނުހިނގާނަމަ ދަރިވަރުންނަށް ކޮންމެވެސް ވަރަކަށް އެޓެއިންމެންޓު ހަމަ އަންނަމުން މަތިވަމުން މަތިވަމުން ދާނީ،" ޝަފީއު ވިދާޅުވިއެވެ.

އެހެންކަމުން ގައުމީ ފެންވަރުގައި މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރެއްވިއެވެ.

މިގޮތުން ގިނަ ސްކޫލްތަކުގެ ވަސީލަތްތައް ބައްޓަންކުރެވިފައި ވަނީ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް އެންމެ އެކަށޭނަ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްކޫލްތައް އިމާރާތްކުރެވިފައި ހުންނަނީ އިހުގެ ގޮތަކަށް ކަމަށާއި، އެހެންވެ ވޮކޭޝަނަލް ލެބާއި ސްޓެމް ލެބް ފަދަ ތަންތަން ސްކޫލްތަކުގައި ގާއިމްކުރަން ބަލާއިރު އުނދަގޫ ކަމަށް ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވި ގޮތުގައި މިކަމަށް ހައްލެއް ގެނެވޭނީ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލެވި ގިނަ މަސައްކަތްތަކެއް ކުރެވިގެންނެވެ.