3 ދުވަހަށް ދެމިގެންދާ ރަޝިއާގެ އާންމު އިންތިހާބުގައި މިއަދަކީ ފައިނަލް ދުވަހެވެ. ރައީސް ވްލަޑިމިއާ ޕުޓިންގެ އިތުރުން އޭނާ ނިސްބަތްވާ ކްރެމްލިން އަށް ޓާއީދު ކުރާ އިތުރު 3 ކެންޑިޑޭޓަކު ވާދަ ކުރާ މި އިންތިހާބު ފަސޭހަ ކަމާއެކު ޕުޓިން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ އިރު ޔޫކްރައިން އިން ވަނީ ރަޝިއާގެ އެތަން މިތަނަށް އަމާޒު ކޮށް ޑްރޯން ހަމަލާގެ 36 ހަމަލާ ދީފައެވެ.

އޭގެ ތެރެއިން ބައެއް ހަމަލާ ވެރިރަށް މޮސްކޯ އަށް އަމާޒު ކުރި އިރު އަނެއްބައި ހަމަލާ އަމާޒު ކުރީ ހަކަތައިގެ ވިއުގަތަކަށާއި އަސްކަރީ ސަރަހައްދު ތަކަކަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މޮސްކޯ އަށް އަމާޒު ވި 4 ޑްރޯން ވައްޓާލާފައި ވާ ކަމަށާއި ބެލްގޮރޮޑް އާއި ކާސްކް އަށް 3, އަދި ކަލުގާ އަށް 2, އަދި ރޮސްޓޯވް އަށް 1 އަމާޒު ވި ކަމަށެވެ. މީގެ އިތުރުން ކްރަސްނޮދާރް ކިޔާ ސަރަހައްދަށް 17 ޑްރޯން އަމާޒު ވި ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ހަމަލާގައި ކްރަސްނޮދާރް ގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހަނާއަކަށް އަމާޒުވެ އެތަން ރޯވެ އަނދާފައި ވާ އިރު އެކަކު މަރުވި ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އޭނާ މަރުވީ ހާޓްއެޓޭކެއްގައި ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫކްރައިން އިން ފޮނުވާލި ޑްރޯންތަކުގެ ޑްރޯން އެއް ރަޝިއާގެ އެއާޕޯޓަކަށް ވެސް އަމާޒުވިއެވެ. އެ ހާދިސާގައި މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ބުނެފައި ވާ އިރު ރަޝިއާ އަކީ ޔޫކްރައިން ދޭ ހަމަލާ ތަކުގައި ލިބޭ ގެއްލުމާއި މަރުވާ މީހުންގެ މައުލޫމާތު ސިއްރު ކުރާ ނުވަތަ ހާމަވިޔަ ނުދީ ހިފަހައްޓާ ގައުމެކެވެ. އެހެންކަމުން އެ ހަމަލާތަކުގައި ލިބުނު އަސްލު ގެއްލުން އަންދާޒާ ކުރާކަން ނޭނގެއެވެ.

މިއަދު ވޯޓުލުން ކުރިއަށް ދިޔަ އިރު ޒެޕްރޯޒިއާ ސަރަހައްދުގައި ހުރި ވޯޓުލާ މަރުކަޒަކަށް ވެސް ޑްރޯނެއް އަމާޒުވި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ހަމަލާތަކުގެ މުގާބިލުގައި ރަޝިއާއިން ވެސް ވަނީ ޔޫކްރައިން އަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ތެރެއިން 14 ޑްރޯނެއް އޮޑިއްސާ ސަރަހައްދުން ވައްޓާލި ކަމަށް ޔޫކްރައިންގެ އޮފިޝަލުން ވަނީ ބުނެފައެވެ. ނަމަވެސް އެ ސިޓީއަށް ރަޝިއާއިން ދިން މިސައިލް ހަމަލާތަކެއްގައި 20 މީހަކު މަރުވެފައި ވާ ކަމަށާއި އާންމުން ދިރިއުޅޭ ބައެއް އިމާރާތަކަށް ގެއްލުން ވި ކަމަށް ބުނެފައި ވެއެވެ.

ރަޝިއާގެ އިންތިހާބު ޕުޓިން ކާމިޔާބު ކުރައްވާނެ ކަމަށް މުރާސިލުން ބުނާ އިރު މިއީ އޭނާ މަގާމު ދިފާއު ކުރައްވާ 5 ވަނަ ފަހަރެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން

އިންތިހާބާ ދިމާކޮށް ޕުޓިން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ ރަޝިއާ ދިފާއު ކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށާއި ރަޝިއާގެ ސަލާމަތަށް ނުރައްކާ ވާނަމަ ނިއުކްލިއާ ހަމަލާއެއް ދޭންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

މި ދައުރު ޕުޓިން އަށް ލިބިވަޑައިގެންފި ނަމަ އޭނާ 2030 އާ ހަމައަށް ވެރިކަމުގައި ހުންނަވާނެއެވެ. އަދި ނިމިދިޔަ 2020 ގައި ގާނޫނު އަސާސީއަށް ގެނައި ބަދަލަކާ އެކު އިތުރު ދައުރަކަށް ކުރިމަތި ލެއްވުމުގެ ފުތުސަތުވެސް އޭނާ ހޯއްދަވާފައި ވާ އިރު 2036 އާ ހަމައަށް މަގާމު ދިފާއު ކުރައްވާނެ ކަމަށް މުރާސިލުން ބުނެއެވެ. މި މަގަށް ކަންކަން ގޮސްފިނަ ޕުޓިން ވެވަޑައިގަންނަވާނީ ސޯވިއެޓް ޔޫނިއަންގެ ވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި ޖޯސެފް ސްޓާލިން އަށް ފަހު އެންމެ ދިގު މުއްދަތަކަށް ރަޝިއާގެ ވެރިކަން ކުރައްވާ ބޭފުޅަކަށެވެ.