ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އަންގާފައި ވާކަމަށާއި، މިއާއެކު ގިނަ ދަރިވަރުންނަށް އެ ސްކޫލުން ފުރުސަތު ލިބިގެން ދާނެ ކަމަށް ސަލާހުއްދީން ސުކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ މި ސްކޫލުގައި ގްރޭޑް 1-10 އަށް ކިޔަވައިދޭއިރު މި ސްކޫލުގެ ކިޔެވުން ފެށީ، 1،709 ދަރިވަރުންނާ އެކުގައެވެ. ކިޔެވުން ފެށުނު އިރު 44 ކުލާސްރޫމެއްގައި އެއްދަންފަޅިއަށް ކިޔަވައިދިން ނަމަވެސް މިހާރު މި ސުކޫލުގެ އާބާދީ 2،053 ކުދިންނަށް އިތުރުވެ ދެ ސެޝަނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ބުދަ ދުވަހު ފޭސްބުކްގައި ވިދާޅުވީ، ހުޅުމާލެ 2 ގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ކުދިންނަށް އެ ފިޔަވަހީގެ ސްކޫލަކުން ޖާގަ ހޯދުމަށް އެދި ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

ދެ ވަނަ ފިޔަވަހިން ސްކޫލް ޖާގަ އަށް އެދި މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ވާހަކަ ދަންނަވަން. މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1،000 އަށް ވުރެ އިތުރުވާ ނެކަމަށް ބެލެވޭ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ސަލާހުއްދީން ސްކޫލަކީ ޖުމްލަ 60 ކްލާސްރޫމް ހިމެނޭ ސްކޫލަކަށް ވާއިރު، މި ސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިދީފައެވެ. ސަލާހުއްދީން ސްކޫލް އިމާރާތް ކުރަން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ލަސްވިއެވެ.

މި ލަސްތަކާ ދިމާވި ނަމަވެސް ސަލާހުއްދީން ސުކޫލުގައި 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ވަނީ ކިޔަވައިދޭން ފަށާފައެވެ.