މާލޭ މަގުމަތިން އިއްޔެ އާއި ރޭ އެކަނިވެސް 19،000 ކިލޯގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ އަދަދަށް މާލޭގެ މަގުތަކުން ކުނި ނަގާފައިވަނީ ރޯދައަށް ގެއަށް އާ ފަރުނީޗަރު ވެއްދުމަށްފަހު މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުމަތި ގޮނޑުކޮށްލާފައިވާތީ ސިޓީ ކައުންސިލުން ފަށާފައިވާ ސާފުކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އިއްޔެއާއި ރޭ އެކަނި މާލޭގެ މަގުމަތިން ނެގުނު ކުނީގެ އަދަދު:

  • 1.5 ޓަނުގެ 10 ޕިކަޕު
  • 350 ކިލޯގެ 11 ޕިކަޕު

މާލެ ތެރޭގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ކުރަމުންދިޔަ ނަމަވެސް މަގުމައްޗަށް ކުނި އެޅުން ހުއްޓޭގޮތެއް ނުވެއެވެ. އެއާއެކު މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެކަން ފުލުހުން އަންގާފައިވާއިރު އެ ފަރާތުން ވަނީ މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައެވެ.

އަދި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބައެއް މަދު މީހުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުމަތީގައި ދުއްވާ މީހުންނަށް ދަނީ އެތައް އުނދަގުލެއް ކުރިމަތިވަމުންނެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކި އެކި ބަލިތައް ފެތުރުމުގެ މަގު ފަހިވާނެއެވެ.