ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިހާބު މިފަހަރު ބާއްވާނީ ދިގުދެމިގެންދާ ގޮތަށް 7 މަރުހަލާ އަކަށް ކަމަށާއި ވޯޓުލައި ނިމެން 6 ހަފްތާ ނަގާނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ހާމަ ކޮށްފިއެވެ.

3 ވަނަ ދައުރެއް ހޯއްދެވުމުގެ އުއްމީދުގައި އަންނަ އިންތިހާބުގައި ވާދަ ކުރައްވާ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަކާލާތު ކުރައްވަމުން ގެންދެވީ އާންމު އިންތިހާބާއި ސަރަހައްދީ އިންތިހާބުތައް އެކުގައި ބޭއްވުމަށެވެ.

މޯދީ 3 ވަނަ ދައުރަކަށް ނިކުމެވަޑައިގެންފައި ވާ އިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 543 ގޮނޑި މިހާރުވެސް ކޮންޓްރޯލް ކުރަނީ މޯދީގެ ބީޖޭޕީ އާއި ކޯލިޝަން ޕާޓީތަކުންނެވެ.

މިއިންތިހާބުގައި މޯދީ ހޯއްދަވަން އުއްމީދު ކުރައްވަނީ 370 ގޮނޑިއެވެ. ކޯލިޝަން ޕާޓީ, ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސަށް 400 ގޮނޑިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ, އިންޑިއާގައި މިފަހަރު ވޯޓުލެވޭ 970 މިލިއަން މީހުން އެބަ ތިއްބެއެވެ. މި އަދަދަކީ މުޅި އެމެރިކާގެ އާބާދީ އާއި ޔޫރަޕާއި ރަޝިއާ އެއްކޮށްލުމުން ހަމަވާ އަދަދަށް ވުރެވެސް މަތީ އަދަދެކެވެ.

އިންޑިއާގެ އިންތިހާބު ދުނިޔޭގެ އެންމެ ބޮޑު އިންތިހާބަށް ވަނީ ކީއްވެ؟

  • އިންޑިއާގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ އަދަދު 969 މިލިއަން
  • އިންޑޮނީޝިއާގައި ވޯޓުލެވޭ އާބާދީ: 204 މިލިއަން
  • އެމެރިކާގައި 168 މިލިއަން
  • ޕާކިސްތާންގައި 128 މިލިއަން
  • ބަންގްލަދޭޝްގައި 119 މިލިއަން
  • ރަޝިއާގައި 114 މިލިއަން
  • މެކްސިކޯގައި 98 މިލިއަން
  • ދެކުނު އެފްރިކާގައި 27 މިލިއަން

2019 ގައި ބޭއްވި އިންތިހާބުގައި ބީޖޭޕީން 303 ގޮނޑި ކާމިޔާބު ކޮށްފައި ވާ އިރު މި އިންތިހާބުގައި ބީޖޭޕީން ވާދަ ކުރަން ޖެހެނީ އިދިކޮޅު 25 ޕާޓީއެއް ގުޅިގެން އުފައްދާފައިވާ "އިންޑިއާ" ކޯލިޝަނާއެވެ. އެ ކޯލިޝަންގެ ލީޑަރަކީ ކޮންގްރެސް ޕާޓީއެވެ. އިންތިހާބަށް ކުޑަތަން ވެފައި ވާއިރު އެ ކޯލިޝަންގެ ތެރޭގައި ގޮނޑިތައް ބަހާނެ ގޮތާ މެދު ހިޔާލު ތަފާތުވެ މިހާރުވެސް ވަނީ މައްސަލަތައް ފެންމަތިވާން ފަށާފައެވެ.

2660 ޕާޓީ އިންޑިއާގައި އޮތް އިރު ގިނަ ޕާޓީތަކަކީ އިންތިހާބުގައި ނަގާ ކިޔާ ޕާޓީތަކެއް ނޫނެވެ. ނަމަވެސް މި އިންތިހާބަކީ މޯދީ އާ ދެކޮޅަށް ކުރެވޭ އިމްތިހާނަކަށް ވާއިރު މުރާސިލުން ބުނަނީ އިންތިހާބު ވެގެން ދާނީ ވާދަވެރިކަން ބޮޑު ނަތީޖާ ބެހިބެހިގެން ދާނެ އިންތިހާބަކަށް ކަމަށެވެ.

ޖުމްލަ 1 މިލިއަން ވޯޓިން ބޫތު ބަހައްޓާ މިއިންތިހާބު ކުރިއަށް ދާނީ;

  • ފުރަތަމަ ބުރު އޭޕްރީލް 19 ގައި
  • ދެވަނަ ބުރު އޭޕްރީލް 26 ގައި
  • ތިންވަތަ ބުރު މެއި މަހުގެ 7 ގައި
  • ހަތަރުވަނަ ބުރު މެއި 13 ގައި
  • ފަސްވަނަ ބުރު މެއި 20 ގައި
  • ހަވަނަ ބުރު މެއި 25 ގައި
  • އަދި 7 ވަނަ ބުރު ޖޫން 1 ގައެވެ.

އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއަކާއި މަތި ގެއެއް އޮންނަ އިރު ތިރި ގޭގައި ޖުމްލަ 545 މެންބަރުން ތިބޭނެއެވެ. އޭގެ ތެރެއިން އެންގްލޯ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ފަރާތްތަކަށް ހާއްސަ ކުރާ 2 ގޮނޑި ކަނޑައަޅާނީ އަސާސީ އޮންނަ ގޮތުން ގައުމުގެ ރައީސްއެވެ.

މަތިގޭގައި ޖުމްލަ 245 ގޮނޑި ހުންނަ އިރު 12 މެންބަރުން ކަނޑައެޅުމުގެ ބާރު އޮންނަނީ ރައީސް އަށެވެ.

އިންތިހާބު ބޯމަތިވެފައި ވާ އިރު އިންޑިއާގެ އެކިއެކި މީޑިއާ ޗެނަލްތަކުން ދަނީ އެންމެ މަގުބޫލު ކެންޑިޑޭޓަކީ ކޮބައިތޯ ބަލަމުންނެއެވެ. އެގޮތުން އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ނަތީޖާ އެއްކޮށްލައިގެން ދައްކާ ގޮތުން މޯދީ އަށް 78 ޕަސެންޓްގެ ތާއީދެއް ލިބިވަޑައިގަންނަވާ އިރު ރާހޫލް އަށް ލިބިވަޑައިގަންނަވަނީ 62 ޕަސެންޓުގެ ތާއީދެކެވެ. ގިނަ ޗެނަލްތަކުގައި މޯދީ ކުރީގައި އޮތް އިރު ރާހޫލްއަށް ކުރި ލިބިވަޑައިގެންފައި ވަނީ އެކްސް ގެ ޕްލެޓްފޯމްގައި ކުރިއަށް ގެންދިޔަ ހިލާޔު ހޯދުމުގެ ނަތީޖާއިންނެވެ.

މުރާސިލުން ބުނާގޮތުގައި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރައްވާނީ މޯދީއެވެ. މޯދީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ މި ވާނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ ޖަވާހިރްލާން ނެހުރޫ އަށް ފަހު ޖެހިޖެހިގެން 3 ވަނަ ދައުރެއް ކާމިޔާބު ކުރައްވާ ފުރަތަމަ ލީޑަރަށެވެ.