ކާބޯތަކެތީގެ ހުރިހާ މަގެއް ބަންދުކޮށް ގާޒާގެ ރައްޔިތުން ބަނޑަށް މަރަމުން ގެންދާ އިޒްރޭލުން 3 ވަނަ ހަމަލާއެއް ދީ ގިނަ އަދަދެއްގެ ބަޔަކު މަރާލައި އަދި ޒަހަމްކޮށްލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އެހީގެ ތަކެތި ހޯދަން މީގެ ކުރިންވެސް މީހުން އެއްވި ކުވައިތް ރައުންޑްއެބައުޓް ގައެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ފުރަތަމަ ހަމަލާގައި 6 މީހަކު މަރުވެ 70 މީހަކު ޒަހަމްވި ތާ މާގިނަ އިރުތަކެއް ނުވެ ދެވަނަ ފަހަރަށް އާންމުންގެ ގަޔަށް އިޒްރޭލުން ބަޑިޖެހި ކަމަށެވެ. އެ ފަހަރު 21 މީހަކު މަރުވެ 150 މީހަކު ޒަހަމްވި ކަމަށް ބުނެފައި ވެއެވެ.

މިއީ ގޮތް ހުސްވެ ކާއެތިކޮޅަށް ސަލާމް ޖަހަމުން ގެންދާ ގާޒާގެ ރައްޔިތުން މެރުމަށް އިޒްރޭލުން ރާވައިގެން ގަސްދުގައި ދެމުން ގެންދާ ހަމަލާތަކެއް ކަމަށް ވެސް އެއިދާރާއިން ބުނެފައި ވެއެވެ.

އެހީގެ ގާފިލާތައް ގާޒާ ތެރެއަށް ވަންނަ އިރު އިޒްރޭލު ސިފައިން ތިބެނީ އެ އުޅަނދުތައް ވަންނަ ސަރަހައްދުތަކުގެ ވަށައިގެން ބަރުހަތިޔާރާއެކު ގާޑު ކޮށްގެންނެވެ. އެހީގެ ޓްރަކްތައް އޭގެ މަންޒިލާ ހަމައަށް ނުދެވެނީސްވެސް ހަމަލާ ދެމުން ގެންދާ އިރު, އެހީގެ ތަކެތި ބަލައި އެއްވާ މީހުންނާ ހަމައަށް ޓްރަކްތައް ދާ ވަގުތުވެސް ހަމަލާ ދެނީއެވެ. އެގޮތުން ކުވައިތް ރައުންޑްއެބައުޓުގައި ދިން މިހަމަލާގައި ވެސް ޓްރަކްތައް އެ ސަރަހައްދަށް ވަނުމާއެކު އެހީގެ ތަކެތި ނަގަން އާންމުން އެއްވުމުން ފާރައަށް ތިބި އިޒްރޭލު ސިފައިން އެމީހުންގެ ގަޔަށް ބަޑިޖެހީއެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނާގޮތުން މިހަމަލާތައް ދިނުމުގައި އިޒްރޭލުން ހެލިކޮޕްޓަރާއި ޓޭންކާއި އަދި ވަށައިގެން ގާއިމުވެ ތިބި ސިފައިން ބަޑި ބޭނުން ކޮށްފައި ވެއެވެ.

މިހަމަލާތަކާ ގުޅިގެން އިޒްރޭލުން ބުނެފައި ވަނީ, އެއްވި އާންމުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ނުޖަހާ ކަމަށާއި ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހަތިޔާރު އަޅައިގެން އުޅޭ އާންމުން ކަމަށެވެ.

"އެކަން ކުރަނީ ހަތިޔާރު އަޅައިގެން ތިބޭ ގާޒާގެ އާންމުން, ޓްރަކްތައް ވަންނަ ތަނުން އާންމުން އަރައިގަންނަނީ ލޫޓުވާން, ދެން ހަތިޔާރު އަޅައިގެން ތިބޭ އާންމުން އެ ބަޑިޖަހަނީ" އިޒްރޭލުން ބުނެއެވެ.

އިތުރަށް ބުނެފައި ވަނީ, އަދި ބަޑިޖަހަން ފެށުމުން ޓްރަކްތައް ދުއްވާލާ ވަގުތު އެތައް ބައެއްގެ ގައިމައްޗަށް ޓްރަކް އަރާ ކަމަށާއި މަރުވާ މީހުން ގިނަ ވަނީ އެހެން ވެގެން ކަމަށެވެ.

އެހެންވިޔަސް އެހާދިސާ ތަހުގީގު ކުރާނެ ކަމަށް ވެސް އިޒްރޭލުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެހީ ފޯރުކޮށްދޭ އދ ގެ އިދާރާތަކުން ބުނީ, ހިނގަމުން ދަނީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި އެހީ ހޯދަން އަދި އެހީ ފޯރުކޮށްދޭ މީހުންނަށް ހަމަލާ ދެވިގެން ނުވާނެ ކަމަށެވެ. އެ އިދާރާއިން ބުނާގޮތުން ގާޒާގައި ބަނޑަށް ޖެހިފައި ތިބި މީހުންގެ އަދަދު 576,000 އަށް އަރައެވެ. އެއީ 1.5 މިލިއަންގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. ބާކީ ތިބި މީހުންނަކީވެސް ދުވާލަކު 1 ރޮށި ނުވަތަ ޕާން ފޮއްޗެއްވެސް ނުލިބޭ މީހުންނެވެ. ބޯނެ ފެނެއް ބޭހެއް, ކައްކާ ގޭހެއް ކަރަންޓެއްވެސް ނެތެވެ.

އެހީ ހޯދަން މިހެން އެއްވާ މީހުންނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އެކި ފަހަރުމަތިން މިހާތަނަށް 400 މީހަކު ވަނީ މަރުވެފައެވެ.

ހަނގުރާމަ ފެށިފަހުން ޝަހީދު ކޮށްލި މީހުންގެ އަދަދު 31,000 އަށް ވަނީ އަރާފައެވެ.