އެއާ އެމްބިއުލެންސް ބޭނުންކޮށްގެން 25 އަށް ވުރެ ގިނަ މެޑިކަލް ދަތުރުކޮށްފި ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ ޑޭޝް 8-200 މަރުކާގެ މަތިންދާ ބޯޓު ބޭނުން ކޮށްގެން ހިދުމަތް ދޭން މި މަހު 1 ވަނަ ދުވަހު ފަށާފައި ވާއިރު މިހާތަނަށް ކާމިޔާބު ކަމާއެކު 25 އަށް ވުރެ ގިނަ ދަތުރު ކޮށްފައި ވާކަަމަށެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ.

މީގެއިތުރުން ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދިނުން ފެށުން ވެގެންދާނީ ސިއްހީ ގޮތުން ލިބޭ ބޮޑު ކުރިއެރުމަކަށް ކަމަށާއި، މި ސީޕްލޭންތަކުގައި ޒަމާނީ އެމަޖެންސީ މެޑިކަލް ވަސީލަތް ހަރުކުރެވިފައި ހުންނާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހު ކުރެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ދެ ބޯޓެއް ބޭނުންކުރާނެ ކަމަށާއި، އެއީ އެއާޕޯޓުތަކަށް ޖައްސާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގެ އިތުރުން ސީޕްލޭނެއް ކަމަށެވެ.

އަދި ސީޕްލޭން ބޭނުންކުރުމުން އެއާޕޯޓު ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުން ބަލިމީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.