މާލެ ސިޓީގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމުވެ ހުކުރު ކުރީ ޒުވާން ޚަތީބުންނެވެ.

މިއީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރޯދަ މަހު، ތަރީވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ޚަތީބުން ތަމުރީނު ކުރުވުމަށްފަހު ހުކުރު ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މާލެ ސަރަހައްދެކޭ އެއްފަދައިން ބައެއް ރަށްރަށުގައިވެސް ޒުވާން ހަތީބުން ވަނީ އިމާމުވެ ހުކުރު ކޮށްފައެވެ. އޭގެ ތެރޭގައި މަކުނުދޫ އާއި ތިނަދޫ ފާހަގަކޮށްލެވެއެވެ. މިނިސްޓްރީން ވަނީ އިމާމުވެ ތަރާވީހް ނަމާދު ކުރަން ވެސް 16 ކުއްޖަކަށް ފުރުސަތު ދީފައެވެ.

މިއަދު އިމާމުވެ ހުކުރު ކުރި ހަތީބުން:

  1. ނައުފަން ނިޔާފް (ހުކުރު މިސްކިތް
  2. ހުސައިން ޒައިން އަލީ (ހުޅުމާލެ، މަސްޖިދުލް އަމާނީ)
  3. ސުލައިމް މުހައްމަދު ލަތީފް (ތައިބާ މިސްކިތް)
  4. އަބްދުލްމަތީން މުހައްމަދު (އީދު މިސްކިތް)

މީގެ ތެރެއިން ހުސައިން ޒައިން އަލީ އަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް އޭނާވަނީ ގުރުއާނުގެ 12 ފޮތް ހިތުދަސް ކޮށްފައެވެ.

ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް ހާއްސަ ޕްރޮގްރާމް އިފްތިތާހުކޮށް، އެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހު، ގެމަނަފުށީގައެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެފައިވާއިރު އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުމެވެ.