އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ހިދުމަތް މާދަމާ ފަށާނެ ކަމަށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފެންނަނީ ސީޕްލޭނެއްގެ ގޮތުގައި މޯލްޑިވިއަނުން ބޭނުންކުރި ބޯޓެއްގެ ބޭރު އެއާ އެމްބިއުލާންސްގެ ޑިޒައިނަށް ބަދަލުކޮށްފައިވާ މަންޒަރެވެ.

މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް މެނޭޖަރު އަހްމަދު މުޝްއިލް ސޮބާހު 'ދަ ޕްރެސް' އަށް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ހިދުމަތް މާދަމާ މެންދުރުފަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެނީ އައިލެންޑް އައިލެންޑް އޭވިއޭޝަން ކުންފުންޏާ ގުޅިގެންނެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ:

  • އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ދެ ބޯޓެއް ބޭނުންކުރާނެ ކަމަށް
  • އެއީ އެއާޕޯޓުތަކަށް ޖައްސާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގެ އިތުރުން ސީޕްލޭނެއް
  • ސީޕްލޭން ބޭނުންކުރުމުން އެއާޕޯޓު ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުން ބަލިމީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށް

ކުއްލި ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސުން ލިބޭނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ. އެގޮތުން އޮކްސިޖަނާއި އެމަޖެންސީގައި ދޭން ޖެހޭ އިންޖެކްޝަން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.