ޔޫކްރައިން އާ ދެކޮޅަށް ރަޝިއާ އާ ބައިވެރިވެ ހަނގުރާމައިގެ ކުރީ ސަފުގައި އުޅެމުން ދިޔަ ހެމިލް މަރުވީ މިސައިލް ހަމަލާއެއްގައެވެ.

އިންޑިއާއަށް ނިސްބަތްވާ ހެމިލް މަނގުކިޔާ އަކީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. ރަޝިއާ އާ ބައިވެރިވެ ހަނގުރާމަ އަށް ދިޔައީ، އޭނާގެ ޝަހަރު ގުޖުރާތުގައި އާމްދަނީއެއް ލިބޭނެ ގޮތެއް ނެތުމާއެކު އާއިލާއަށް ކާންބޯންދޭން ޖެހޭތީ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައެވެ.

ޓީވީތަކުން ކުރި އިޝްތިހާރެއްގައި ރަޝިއާ ސިފައިންއަށް އެހީތެރިވެދިނުމުގެ ވަޒީފާ އޮތްކަމަށާއި މުސާރައަކީ 1800 އެމެރިކާ ޑޮލަރު ކަމަށް ބުނުމުން ހެމިލް ވެސް ރަޝިއާއަށް ދިޔައީއެވެ.

ހަނގުރާމައިގެ ސަފުތަކުގައި ކުރަން ޖެހުނު މަސައްކަތަކީ އިޝްތިހާރުގައި ބުނި ހާ ފަސޭހަ ކަމެއް ނޫންކަން ހެމިލް އަށް ރެއަކާލި އިރު އެނބުރި އާދެވޭނެ ގޮތެއް ނެތެވެ. ހެމިލް އާއި އަދިވެސް އިންޑިއާގެ އިތުރު ބަޔަކު ތިބީ ހަތިޔާރާއެކު ސިފައިންގެ ޔުނިފޯމް އަޅުވައި ހަނގުރާމައިގެ ކުރީ ސަފުގައެވެ.

ސިފައިންގެ ސަފުތަކަށް އެހީތެރިވުމާއެކު ހަނގުރާމައިގައި ރަސްމީކޮށް ބައިވެރިވާން ޖެހިފައެވެ. ސަލާމަތްވާން ވަޅުތައް ކޮނުމާއި ހަންދަގު ތައް ހެދުމާއި ބަންކަރުތައް ހެދުމުގައި ވެސް އުޅެން ޖެހިފައެވެ.

ނިމިދިޔަ ފެބްރުއަރީ 20 ވީ ދުވަހަކީ ހެމިލްގެ އެންމެ ފަހު ދުވަހެވެ. އެދުވަހުގެ ވާހަކަތައް ކިޔައިދެމުން އޭނާގެ ބައްޕަ އަޝްވިން ބުނީ، އެ ދުވަހު އައީ ފޯން ކޯލެއް ކަމަށާއި އެ ކޯލްގައި ހެމިލް ބުނީ ހުރިހާ ކަމެއް ރަނގަޅު ކަމަށާއި ކެއުމާއި ނިދުމާ ކަންކަންވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ކޯލްގައި ހެމިލްގެ ފަރާތުން ނުތަނަވަސްކަމެއް ފާހަގަ ކުރެވުނު ކަމަށް ބައްޕަ ބުންޏެވެ. ހެމިލް ފޯން ބާއްވަން ބޭނުން ނުވި ކަމަށާއި ކޯލް 1 ގަޑިއިރަށް ދިގުވެގެން ދިޔައީވެސް އެ ސަބަބާ ހުރެކަމަށް ބުންނެވެ.

އޭގެ 1 ދުވަސް ފަހުން އަޝްވިން އަށް އިތުރު ކޯލެއް ލިބުނެއެވެ. އެއީ ދަރިފުޅު ހެމިލް އެއް ނޫނެވެ. ނަމަވެސް ހިންދީ ބަހުން ވާހަކަ ދެއްކި އެހެން މީހެކެވެ. ޓެލަންގަނާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ އޭނާ އަޝްވިން ގާތު ބުނީ، ހެމިލް މަރުވެއްޖެ ކަމަށެވެ.

އެއީ އަޝްވިން އާއި ހެމިލްގެ މަންމަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ވަގުތެވެ. ހުއްޓުން އަރާ ވަށައިގެން ހުރި ހުރިހާ އެއްޗެއް ފިތިގެން ދިޔަހެން ހީވި ކަމަށް އަޝްވިން ބުންޏެވެ. އެ ކަމުގެ ޝޮކްގައި ހެމިލްގެ މަންމަ އަދިވެސް ފަރުވާ ހޯދަމުން ދާ އިރު އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި ކަމަށް ވެސް އޭނާ ބުނެއެވެ.

އެ ދުވަހު އައި ކޯލްގައި ބުނީ، ހެމިލް މަރުވީ އެރި މިސައިލް ހަމަލާއެއްގައި ކަމަށެވެ. އެ ހަމަލާ އެރީ ބަންކަރެއް ކޮންނަން އުޅެނިކޮށް ކަމަށެވެ. އޭނާ އިތުރަށް ބުނީ ހެމިލްގެ ހަށިގަނޑު ޓްރަކަކަށް ލައިގެން ގެންގޮސްފި ކަމަށާއި ދެން އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

އޭނާއާ ހަވާލާދީ އަޝްވިން ބުނީ، ރަޝިއާގެ ސަފުތަކާ ބައިވެރިވެ ހަނގުރާމަ ކުރާ އިންޑިއާގެ އެތައް ބަޔަކު އެބަތިބި ކަމަށާއި މިހާތަނަށް އިންޑިއާ މީހުންގެ ތެރެއިން އިތުރު 2 މީހަކު މަރުވެފައި ވާ ކަމަށެވެ.

ހަނގުރާމައަށް މިހެން ދާ ފަރާތްތައް ދަނީ އެމީހުން ނިސްބަތްވާ ސަރަހައްދުތަކުގައި ދައްކާ އިޝްތިހާރަކުން ނުވަތަ އިންޓްނެޓުގެ ޒަރީއާއިން ފެންނަ އިޝްތިހާރަކުން ހިތްވަރު ލިބިގެންނެވެ. އެމީހުން އެފަދަ ސަރަހައްދުތަކަށް ދިޔުމަށް އެހީވެދޭ އެތައް އެޖޭންޓުންނެއް ތިބޭ އިރު އެފަދަ އެޖޭންޓުން ފައިސާކޮޅެއް ނަގާ އެމީހުން އެފަދަ ސަރަހައްދުތަކަށް ފޮނުވާލައެވެ. އެގޮތުން އިންޑިއާގެ އެތައް ބަޔަކު ރަޝިއާ ހަނގުރާމައަށް ގޮސްފައި ވާ އިރު އިޒްރޭލާ ބައިވެރިވާން ވެސް ބަޔަކު ގޮސްފައި ވެއެވެ. އަދި ސީރިއާ އާއި އެނޫންވެސް ސަރަހްދުތަކަށް ވެސް ގޮސްފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭރުގެ ހަނގުރާމަތަކަށް ދިވެހިންވެސް ގޮސް އުޅޭ އިރު ރަޝިއާ ހަނގުރާމައަށް ދިވެއްސަކު ދިޔަކަން އަދި އެނގިފައެއް ނުވެއެވެ.