ކޮންމެ އަހަރެއްގެ ވެސް މާޗް އަދި އޭޕްރީލްގައި ހޫނު ގަދަވާއިރު މިއަރުވެސް މިހާރު ހިނގަމުން މިދަނީ އެ މޫސުމް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެގޮތުން މިއަދުވެސް އިހުސާސް ކުރެވޭ ހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށާއި އެކަން އެހެން ވަނީ ވިލާ މަދުވެ ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. އެކަން އެހެން ދިމާވުމުން ވައިގެ ހޫނުމިނަސް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެއެވެ.

މީގެ އިތުރުން މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އަންނަ މޫސުމީ ބަދަލަށް ކިޔާ ނަމެކެވެ. އެލްނީނޯގައި އޮއި ބާރުވެ ވައިބާރުވެ ފިނި ހޫނިމިން މައްޗަށް ގޮސް މޫސުމީ ގިނަ ބަދަލުތަކެއް އާދެއެވެ.

ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ.

މެޓްގެ އިލްތިމާސަކީ ރައްކާތެރިވެގެން އުޅުން ކަމަށް ވާ އިރު ފުލުހުންވެސް ބުނެފައި ވަނީ, ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ.

ރާއްޖެ އަކީ ރާއްޖެ އާ ކައިރި ގައުމުތަކުގެ މޫސުމީ ބަދަލުތަކާ ގުޅިގެންވެސް ބޮޑެތި އަސަރުތަކެއް ކުރާ ގައުމަކަށް ވާ އިރު އިންޑީޔާގެ ހިމާލަޔަން މަތީގައި އުފެދޭ ވައި ނުސާފު ކަމުގެ އަސަރުވެސް ރާއްޖެ އަށް ދޭތެރެ ދޭތެރެއިން ކުރެއެވެ.

މި މޫސުމުގައި ރާއްޖެއަށް އާންމުކޮށް ހޫނުވާ އިރު މިދިޔަ އަހަރު މި މޫސުމުގައި އެންމެ ހޫނު ގަދަވެގެން ރެކޯޑް ކުރެވިފައިވަނީ 45 ޑިގްރީ ސެލްސިއަސް އެވެ.