ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ނުކުރެއްވުމުން ސަރުކާރުގެ އިސް ވަޒީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.
ފާއިތުވި ފަސް އަހަރު ކުރީގެ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނަވަން ޖެހުމާއެކު ކޮންގްރެސް ކޯލިޝަނުގެ ހިންގުން ހަވާލުކޮށްފައި ހުރީ އަބްދުއްރަހީމާއެވެ. ޔާމީންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ދެ ބޭފުޅުންގެ ދެމެދުގައި ގާތް ގުޅުމެއް އޮތް އަދުރޭއަށް އިތުބާރުކުރައްވައި އެފަދަ މަގާމެއް ހަވާލު ކުރެއްވި ނަމަވެސް ފަހުން ދެބޭފުޅުންގެ ހިޔާލު ތަފާތުވެ ގުޅުން ވަނީ ގޯސްވެފައެވެ. އެގޮތުން އަބްދުއްރަހީމް ސަރުކާރާއެކު ސާބިތުވެ ހުންނެވިއިރު ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ފަށާފައެވެ.
ސިޔާސީ ހަޔާތުގައި ދެބޭފުޅުން ދެ މިސްރާބަކަށް މަސައްކަތް ފަށްޓަވައިގެން ކުރިއަށްދާއިރު ފަހަކަށް އައިސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ޕީއެންއެފް ފިކުރުގެ ކެންޑިޑޭޓުންނާ ސުވާލުކުރަން ޕީއެންއެފްގެ އޮފީހުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޔާމީނު ވަނީ ސަރުކާރުން ބުނާ އަދަދަށް ވުރެ އިތުރަށް ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން 200 އަށްވުރެ ގިނަ ސިފައިން އައްޑޫ ޕޮލިސް އެކަޑަމީގައި އެކަނި ވެސް އެބަތިބިކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސަަރުކާރުން ބުނަމުން ގެންދަނީ ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 88 އަށް މީހުން ކަމަށެވެ. އެއާއެކު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް މިހާރު ނުފެންކަމަށާއި އެމްޑީޕީގެ ބަސްމަގަށް އެޅިފައިވާކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ތޯރިގު (ޓޮމް) އަށް ކެމްޕެއިން ކުރަން އެރަށުގައި ބޭއްވި ޖަލްސާގައި އެވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން ދައްކަމުން ދަނީ ލިޔެކިއުންތަކުން ފެންނާން އޮތް ވާހަކަތައް ކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ނަފްރަތާއި ސުވާލުތައް އުފެއްދުމަށް ދޮގު ވާހަކަތައް ދެއްކެވުމަށް ފަހު އެމްޑީޕީގެ ވާހަކަތައް ދެއްކުމުން އުނދަގޫވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އަސްކަރީ ސިފައިން ފައި ހިއްޕާލާފައި ތިބެން ޖާގަ ދެވެން އަޅުގަނޑުމެންނަކަށް ނެތް. ރައީސުލްޖުމްހޫރިއްޔާ އަންނަ މޭއި މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބާނެއޭ ބުނީމާ.. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ 87 ސިފައިންނާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެނީ ކީއްވެގެން ހެއްޔޭ. ބަލަގަ ލިޔެކިއުންތަކުން ފެންނަން ހުރި އަދަދުތަކުގެ ވާހަކަތައް މިދައްކަނީ. އެހެންވީމަ އެ 87 މީހުން ރާއްޖެއިން ފައިބާނެކަމަށް އެއޮތީ ލިޔެކިއުންތަކުގައި ސޮއިކޮށްފަ."
ރައީސް ޔާމީންގެ ނަން ނުގެންނަވައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ތަރައްގީގެ އެތައް ހަރުފަތަކަށް ގެނެސްދެއްވި ލީޑަރުންނަށްޓަކައި ހިތުގައި އަބަދުވެސް އިހުތިރާމް އޮންނާނެކަމަށާއި ނަމަވެސް އިސް ކުރާނީ ގައުމުކަމަށެވެ. އަދި ހަމައެހެންމެ އުނދަގޫ ފަސް އަހަރަށް ފަހު އަނެއްކާ މަގުމައްޗަށް ދޫވާން ބޭނުން ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނު މިނިވަންކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދައްކާ ވާހަކަތަކަށް ރައްދު ދެމުން އަބްދުއްރަހީމް ވިދާޅުވީ ބަޔަކު ކިތަންމެ ރުޅިއައި ނަމަވެސް ޝަރުއީ ނިޒާމަށް ސަރުކާރުުން އަތްނުބާނާނެ ކަމަށެވެ.
މީގެ ކުރިންވެސް އަބްދުއްރަހީމް ވަނީ ނުސީދާ ބަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ވޮޑަށް ފާޑުވިދާޅުވެ، ރައްދު ދެއްވާފައެވެ. މިގޮތުން ރައީސް ޔާމީންގެ ނަން ވިދާޅުނުވެ، އެ މަނިކުފާނަށް، 'ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ރެޔާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލުކުރާ ބޭފުޅުން'ގެ ގޮތުގައި މުހާތަބުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ 'އެބޭފުޅުންނަށްވެސް' މި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައްޔިތުން ދިންކަމަށެވެ.
އެހެންނަމަވެސް އެ ދުވަހު ފުރުސަތު ލިބި އެކަންކަން ނުކުރައްވާ މިއަދު ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ގައުމަށް ދެވޭ އަނިޔާއެއް ކަމަށެވެ. "އަޅުގަނޑުމެންގެ ދުލުގައި ހިފައި ދަމަން އެއްގޮތަކަށް ވެސް ހައްދަވާނެ ކަމެއް ނެތް. މިކަހަލަ ޕޯޑިއަމެއްގައި ހުރެ މާ ގިނަ ވާހަކަ ދެއްކޭކަށް ނެތް." އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނަށް ނުސީދާ ބަހުން އިންޒާރުދެއްވަމުން އަބްދުއްރަހީމް ވަނީ 'ދުލުގައި' ހިފައިގެން ދަމާކަމުގައިވާނަމަ ތަންކޮޅެއް ގަދައަށް ވާހަކަދައްކަން ޖެހިދާނެކަމަށާއި ދައްކާނެހާ ވާހަކައެއް ދައްކަން ކަންކަން އެގޭ މީހުން ހަނު ނުތިބޭނެކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރާއެކު ސާބިތުވެ ހުންނެވިކަން ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ދިފާއު ކުރުމުގެ ގޮތުން ދައްކަން ޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށާ ރައްޔިތުންނަށް ހަގީގަތް ހާމަކުރުމަށް ފަސްނުޖެހޭނެކަމަށެވެ.