ގާޒާ އަށް ކާބޮތަކެތި ލިބޭނެ ހުރިހާ މަގެއް އިޒްރޭލުން ބަންދުކޮށް އެތާނގެ ރައްޔިތުން ބަނޑަށް ޖައްސަމުން ދާ އިރު، އެކަން ހުއްޓުވުމުގެ ބަދަލުގައި ގާޒާގައި ވަގުތީ ބަނދަރެއް ހަނދަން އެމެރިކާގެ ސިފައިން ފުރައިފިއެވެ.

އެމެރިކާގެ މަނަވަރު ޖެނެރަލް ފްރޭންކް އެސް ބެސަން އެމެރިކާގެ ވާޖިނިއާގެ ބަނދަރުން ނައްޓާލާފައި ވާ އިރު އެ މަނަވަރުގައި ގާޒާގެ ގޮނޑުދޮށާ ގުޅޭ ގޮތަށް ހަދާ ފްލޯޓިން ހާބަރަށް ބޭނުންވާ ސާމާނު ގެންދެއެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުން އެ މަނަވަރުގައި 1000 ސިފައިން އެ މަސައްކަތަށް ދިޔަ ނަމަވެސް އެއިން އެއްވެސް މީހަކު ގާޒާގެ އެއްގަމަކަށް ނާރާނެއެވެ.

ބަނދަރު ހެދުމަށް މަދުވެގެން 60 ދުވަސް [2 މަސް] ނަގާނެ ކަމަށް ބުނެފައި ވާ އިރު، ގާޒާއަށް އެހީގެ ތަކެތި ފޯރު ކޮށްދޭ ޖަމާއަތްތަކުން ބުނެފައި ވަނީ، އެހާ ދުވަހަށް ވެސް ގާޒާގެ ރައްޔިތުން ދިރި ތިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި ކާބޯތަކެތި ނުލިބި މިހާރުވެސް އެތައް ބަޔަކު ބަނޑަށް މަރުވެފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިން ގިނަ އިރު އިއްޔެ އާ ހަމައަށް 20 ކުއްޖަކު ބަނޑަށް މަރުވެގެން ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ އިތުރުން އުމުރުން ދުވަސް ވީ މީހުންނާއި އަންހެނުންވެސް ބަނޑަށް ޖެހިފައިވާ ވާ އިރު ކޮންމެ 5 މީހަކުން އެކަކު ހުރީ އެހާލުގައި ކަމަށް ވެސް ބުނެއެވެ.

ގާޒާގައި 1.5 މިލިއަން މީހުން އެބަތިއްބެއެވެ. މިއެންމެން ވެސް ތިބީ އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ތެރޭގައި ތާށިވެފައެވެ.

އެހީގެ ހުރިހާ މަގެއް އިޒްރޭލުން ބަންދު ކޮށްފައި ވަނިކޮށް އެމެރިކާއިން ވަނީ އުރުދުން އާ ގުޅިގެން ވައިގެ މަގުން ކާބޯތަކެތި ގާޒާއަށް އަޅަން ފަށާފައެވެ. އެގޮތުން ވައިކުޑަ ޖަހާ ކާބޯތަކެތީގެ 38،000 ޕާރުސަލް ގާޒާއަށް ވައްޓާލާފައި ވާ އިރު އާންމުން ދަނީ އެތަކެތިވެސް ނަގާ ކަމުންނެވެ.

އަދި މިދަނޑިވަޅުގައި އެމެރިކާއިން ވަނި ސައިޕްރަސް މެދުވެރިކޮށް ފުށާއި އެނޫންވެސް ޒަރޫޒީ ބައެއް ބާވަތްތައް ގާޒާއަށް ގެންދިޔުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އެ ބޯޓުގައި 200 ޓަނުގެ ކާބޯތަކެތި ގާޒާއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު ބޯޓު ނުފުރި މިވަގުތު އޮތީ ކްލިއަރެންސް ނުލިބޭތީއެވެ. އެމެެރިކާއާއި އުރުދުން ގުޅިގެން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރި ނަމަވެސް އެތަކެތި ގާޒާއަށް ގެންދަނީ އިޒްރޭލުގެ ހުއްދަ ލިބިގެންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 39،000 މީހުން ޝަހީދު ކޮށްލާފައި ވާ އިރު މިއީ މިފަހުގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގެ ހަނގުރާމައެއްގައި އެންމެ ގިނަ ބަޔަކު ޝަހީދު ކޮށްލި ހަނގުރާމަވެސް މެއެވެ.

އިޒްރޭލުން ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ އިރު، މިހާރު ތައްޔާރު ވަމުން ދަނީ އެއްގަމު މަގުން ރަފާއަށް އަރާ އެތަން ތަޅާ ސުންނާފަތި ކޮށްލާށެވެ. ރަފާ އަކީ އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ސަލާމަތްކަން ލިބޭނެ ކަމަށް އާންމުންގެ 1.4 މިލިއަން މީހުން ޖަމާވެ ތިބި ތަނެވެ. އެތަނުގެ ވަށައިގެން މިހާރުވެސް އިޒްރޭލުން ބޮން އަޅަމުން ގެންދާ އިރު ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައި ވަނީ، ދުނިޔެ ކިތަންމެ ދެކޮޅު ހެދިޔަސް ރަފާ އަށް އަރާނެ ކަމަށާއި ދޫދިނުމެއް ނެތް ކަމަށެވެ.