ވ. ފެލިދޫ ހޮސްޕިޓަލް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިރެއިން މިރެއަށް ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ވ. ފެލިދުއަށް ވަޑައިން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަށު ހޮސްޕިޓަލް ފެންވަރު ރަނގަޅު ކުރުމުގެ މަޝްވަރާތައް ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައިވެސް ކުރިއަށް ގެންދިޔަކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މަސައްކަތް ކުރާނީ މިހާރުން މިހާރަށްވެސް އެކަން ކަން ރަނގަޅު ކުރެއްވުމަށެވެ.
"މިހާރުން މިހާރަށްވެސް ކުރެވޭނެ ކަންކަން ހުންނާނެ، އެއީ އެކި ކަހަލަ ވަސީލަތްތައް ގާއިމްކޮށްދިނުމާއި އެކި ކަހަލަ ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވޭނެ ކަންތައްތައް. ޑޮކްޓަރުންނާއި ނަރުހުންނާއި ދެން މިހެންގޮސް ހޮސްޕިޓަލަށް ބޭނުންވާ މިހެން ހުރި ކަންކަން ވަރަށް އަވަހަށް ވަގުތުން ފަށައިގެން ކުރިއަށް ގެންދާނަން. މިރެއިން ފެށިގެން އެ މަސައްކަތް ކުރެއްވުމަށް އަޅުގަނޑުމެންގެ މިނިސްޓަރު ފަށްޓަވާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ ކަންކަން ރަށުގެ ތަރައްގީއަށް ކުރަން ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސްކޫލުގެ އިމާރާތް ޖާގަ ނުގެއްލޭ ގޮތަށް 4 ބުރީގެ އިމާރާތެއް އެޅުމުގެ މަޝްރޫއު މިއަހަރު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި އެގޮތުގެ މަތިން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެލިދޫ އަކީ ވޮލީ ކުޅުމަށް ލޯބި ކުރާ ޒުވާނުންތަކެއް އުޅޭ ރަށެއް ކަމުން އެ ރަށުގައި ވޮލީ ކޯޓެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ގެދޮރުވެރިކަމުގެ މައްސަލަ އަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހައުސިންގ މައްސަލަ ހައްލު ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ ހައުސިން އަމަލީ މަޝްރޫއުތައް ފެށޭނެ ކަމަށެވެ. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި %5 އަށް ވުރެ އިންޓްރަސްޓް ރޭޓުގައި ހައުސިންގް ލޯނު ސްކީމު ތައާރަފު ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ފެލިދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ރަށަށް ބިން އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު މިއަހަރު ފަށާ، އެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.