މި ދުވަސްވަރު ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފްތާގައި (25 ފެބްރުއަރީއިން 2 މާޗްއާ ދެމެދު) ބޭރަށް ހިންގުމުގެ 889 ކޭސް ގްރޭޓާ މާލެ ސަރަހައްދުން ވަނީ ފެނިފައެވެ.

ފެބްރުއަރީ 18އާއި ފެބްރުއަރީ 24އާ ދެމެދު ބޭރަށް ހިންގާތީ ގްރޭޓާ މާލެ ސަރަހައްދުން 965 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި ފެބްރުއަރީ 4އިން ފެށިގެން ފެބްރުއަރީ 17 އާ ދެމެދު ބޭރަށް ހިންފުމުގެ ޖުމްލަ 1،221 ކޭސް ފެނިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޭރަށް ހިންގުމުގެ އިތުރުން ތިރީގައިވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ:

  • ގިނައިން ހޮޑުލެވުން
  • މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވުން
  • ބޮލަށް އެނބުރުން އެރުން
  • އާދަޔާ ހިލާފަށް ކަރުހިއްކުން
  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުހުރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން

ބަލިން ރައްކާތެރި ވުމުގެ ގޮތުން ގިނަގިނައިން އަތް ދޮވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކާބޯޓަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ފަހުން. ކެއުމުގެ ކުރިންނާއި ފަހުން، ހޮޑާއި ބޮޑުކަމުދާ ތަކެތި ސާފުކުރުމަށްފަހު އަދި ބަލި ޖެހިފައިވާ މީހަކަށް ހިދުމަތް ދިނުމަށްފަހު ވެސް އަތް ދޮވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ފާހާނާ ކުރުމަށް ފަހު އަދި ނެޕީ ބަދަލު ކުރުމަށްފަހުގައްޔާއި ނޭފަތް ފޮޅުން، ކެއްސުން ނުަވަތަ ކިނބިހި އެޅުމަށްފަހު އަދި ކުނި ގެންގުޅުމާއި ކުނި އުކާލުމަށްފަހު ވެސް އަތް ދޮވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.