މި އަހަރު ނިމޭއިރު މީހުން ދިިރިއުޅޭ 100 ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމްކޮށް ނިމޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތޯރިގް މިފަދައިން ވިދާޅުވީ ހަފްތާ- 14 މަގުޗާޓުގައި އެންވަޔަރަމެންޓް މިނިސްޓްރީއިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިގް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި އުފައްދާ މަސްދަރުން ފެށިގެން ސަރަހައްދީ ކުނި މެނޭޖް ކުރާ މަރުކަޒުގައި ކުނި ނައްތާލުމާ ހަމައަށް، ވަށާ ޖެހޭ އަދި ތިމާވެއްޓާ ރައްކާތެރި ގޮތަކަށް ކުނި މެނޭޖް ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ޕްލޭންއެއް އެކުލަވާލާ ފެބްރުއަރީ 22 ވަނަ ދުވަހު އިފްތިތާހް ކުރެވިފައިވާ ކަމަށެވެ.

މީގެކުރިން ރާއްޖޭގައި ކުނި މެނޭޖް ކުރުން ކުރިއަށް ގެންގޮސްފައިވާ ގޮތަށް އަލި އަޅުއްވާލައްވާ ތޯރިގް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް ފުރަތަމަ (2004 ވަނަ އަހަރު) ކުނި މެނޭޖް ކުރާ މަރުކަޒުތައް 79 ރަށެއްގައި ގާއިމް ކުރެވިގެން ދިޔައީ ވަރަށް އާދައިގެ ކުނި މެނޭޖް ކުރާ މަރުކަޒުތަކެއް ކަމަށެވެ. އަދި އޭގެ ފަހުން އެކި ސަރުކާރުތަކުގައި ކުނި މެނޭޖް ކުރުމަށް އެ މަރުކަޒުތަކަށް ބައެއް އާލާތްތައް ފޯރުކޮށްދެވުނު ނަމަވެސް އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އެ ކަމަށް ހައްލެއް ހޯދާ، ވަށާ ޖެހޭ އަދި ތިމާވެއްޓާ ރައްކާތެރި ގޮތަކަށް ކުނި މެނޭޖް ކުރުމުގެ ގޮތުން"މާގޭ ސާފު ރާއްޖެ" ނަމުގައި ގައުމީ ޕްރޮގްރާމެއް ފަށާފައިވާކަން ތޯރިގް ފާހަގަ ކުރެއްވިއެވެ. އަދި އެއީ 5 އަހަރު ދުވަހުގެ އަމާޒެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ އެ ޕްރޮގްރާމްގެ އެންމެ މުހިންމު އެއް ކަމަކީ ވޭތުވެދިޔަ ތަނުގައި ކުނި މެނޭޖް ކުރުމުގެ ކަންކަމަށް ބަލައި، ވަށާޖެހޭ ކުނި މެނޭޖް ކުރާ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ކުނި މޭންޖް ކުރާ ނިޒާމް ގާއިމް ކުރާނީ ކުޑަ ބޮޑު މިނަށް ބަލައި، ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ވެހިކަލްތައް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެކަމަށް މީހުން ތަމްރީނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ 100 ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމްކޮށް ނިމޭނެ ކަމަށާއި އޭގެތެރެއިން 54 ރަށަކީ މުޅިން އަލަށް ކުނި މެނޭޖް ކުރާ މަރުކަޒު ގާއިމް ކުރާ ރަށްތައް ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ބާކީ އޮތް 44 ހަތަރު ރަށަކީ މިހާރު ހުރި ކުނި ކޮށިތައް އިތުރަށް މަރާމާތުކޮށް ކުނި މެނޭޖް ކުރުން ކުރިއަށް ގެންދާނެ ރަށްތައް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ 7 ސަރަހައްދެއްގައި މަރުކަޒީ ފެންވަރުގެ ވަށާ ޖެހޭ ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމް ކުރާނެ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ ތިލަފުށީ މަރުކަޒުގެ ކުނި މެނޭޖް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ ބިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.