އެމެރިކާގެ ދިމިކްރާތީ ނިޒާމުތަކަށް އޮޅުވާލުމާއި ކަސްބީ އަންހެނަކާ ގުޅުމެއް ހިންގެވު ކަމުގެ ކުށާއި އެނޫންވެސް ތުހުމަތުތަކާ ހުރެ ޓްރަމްޕަށް ކުރިމަތިވި ހުރަސްތައް އެގައުމުގެ ސްޕްރީމް ކޯޓުން ނިމުމަކަށް ގެނެސްދީފިއެވެ.

ކޮލަރާޑޯއާއި އެނޫންވެސް ބައެއް ސިޓީ ތަކުގައި މާދަމާ އޮންނަ ޕްރައިމަރީގެ ވޯޓުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ބައިވެރިވެވަޑައި ނުގެންނެވޭ ގޮތް ހެދުމަށް އެކިއެކި ފަރާތްތަކުން ދައުވާތައް ތައްޔާރު ކޮށްފައި ވަނިކޮށް، ސްޕްރީމް ކޯޓުގެ ނިންމުން އިއްޔެ އައީ ކޮލަރާޑޯ އިންތިހާބާ ގުޅިގެން ހުށަހަޅާފައި އޮތް މައްސަލައިގައެވެ.

ވަކީލުން ޓްރަމްޕާ ދެކޮޅަށް ކޯޓަށް ދިޔައީ، އޭނާގެ ވެރިކަން ނިމި އުފެދިގެން އައި ހަމަނުޖެހުންތަކުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން ވަދެގަތް މައްސަލައިގައި ޓްރަމްޕް ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ނިންމުމަށާއި ކޮލަރާޑޮގެ ވޯޓު ކަރުދާހުގައި ޓްރަމްޕުގެ ނަން ހިމެނިޔަ ނުދިނުމަށެވެ.

ނަމަވެސް ކޯޓުން ނިންމީ، ފެޑެރަލް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުން އުނި ނުކުރެވޭނެ ކަމަށާއި އެގޮތުން ޓްރަމްޕަށް އެފުރުސަތު ލިބެންވާނެ ކަމަށެވެ.

މި ނިންމުމާއެކު ޓްރަމްޕުގެ ޓީމުން ބުނެފައި ވަނީ، މިއީ ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރިޕަބްލިކަން ޕާޓީން ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އޮތް ޓްރަމްޕަށް ލިބިވަޑައިގެންނެވި މި ކާމިޔާބީ އާ ގުޅިގެން ޑިމޮކްރެޓުންގެ ކެންޑިޑޭޓް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ވޮޓު ކަރުދާހުގައި ޓްރަމްޕްގެ ނަން އޮތުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ.

އެމެރިކާގެ އާންމު އިންތިހާބުގެ ވޯޓުގެ ކުރިން، ކަނޑައެޅޭ އެކިއެކި ސިޓީތަކުގައި ކުރިއަށް ދާ ޕްރައިމަރީގައި މިޝިގަން އިން ކުރި ހޯއްދަވާފައި ވަނީ ރިޕަބްލިކަން ޕާޓީން ޓްރަމްޕާ ވާދަ ކުރައްވާ ނިކީ ހާލޭއެވެ. އޭނާ އަކީ ކުރިން ގަވަރުނަރުކަމާއި އެމެރިކާއިން އދ އަށް ކަނޑައަޅާ އެމްބެސެޑަރުކަން ކުރައްވާފައި ވާ ބޭފުޅެކެވެ. ހާލޭ އަށް މިޝިގަން ކާމިޔާބު ވި ނަމަވެސް އެމެރިކާގެ އެހެން ސިޓީތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނީ ޓްރަމްޕެވެ. އެހެން ކަމުން ރިޕަބްލިކަނުންގެ ޓިކެޓް ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް މިހާރު ބެލެވޭ އިރު، ޑިމޮކްރެޓުންގެ ޓިކެޓް ކާމިޔާބު ކުރައްވާނީ ބައިޑަން ކަމަށް ދަނީ ބުނަމުންނެވެ.

މިގޮތަށް ޕްރައިމަރީ ނިމިއްޖެ ނަމަ މިއަހަރުގެ ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ޓްރަމްޕާއި ބައިޑަންއެވެ.