ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ގުޅިގެން ބަލަމުން އަންނަ ކޮރަޕްޝަންގެ މައްސަލައިގައި އާރްޑީސީގެ މުވައްޒަފުންގެ އެކައުންްޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި އެގޮތުން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ފުލުހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ، އާރްޑީސީގެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުން އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބަލަމުން އައި އިރު ފާހަގަ ކުރެވުނު ކަންކަން ހިއްސާ ކުރަމުން ފުލުހުން ބުނީ، އާރްޑީސީގެ އެކައުންޓުން އެކި މުވައްޒަފުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާ އަކީ ކޮން ބޭނުމަކު ފޮނުވާފައިވާ ފައިސާއެއް ކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެތައް މުވައްޒަފުންތަކެއްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ އިރު، އެކެއްގެ އެކައުންޓަށް 200 އަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ އިރު އެ ކައުންޓުން ވަނީ، އެ 11 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށާއި އެކި މީހުންނަށް ފޮނުވާފައި ހުރި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އަކީ މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކުރެވޭނެ މައްސަލައެއް ކަން ފުލުހުން ފާހަގަ ކުރެއްވިއެވެ. އެ 11 މިލިއަން ރުފިޔާ އެ މުވައްޒަފުގެ އެކައުންޓަށް ފޮނުވާފައި ވަނީ އެކި ފަހަރު މަތިން ވަކިވަކިން ކަމަށެވެ.

މުވައްޒަފެއްގެ އެކައުންޓުން ކުންފުނިތަކަށް ފިނުވާފައިވާ ފައިސާގެ ތެރެއިން ކުންފުންޏަކަށް ވަނީ 392،000 ރުފިޔާ ފޮނުވާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެ ކުންފުނިން ވަނީ އެ ފައިސާއިން 160،000 ރުފިޔާ އެ ކުންފުންޏާ ގާތް ގުޅުމެއް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން ބުނީ، މި މައްސަލައިގައި ތަހުގީގުން އެނގިފައިވާ ގޮތުން ދައުލަތަށް ވަނީ ދައުލަތުގެ ކުންފުންޏަކުން ހިޔާނާތްތެރިވެފައި ކަމަށެވެ.

ފުލުހުން ބުނީ އަދި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މި މައްސަލައިގައި ހިމެނޭ މުވައްޒަފުންނާއި، މީހުންނާއި، ކުންފުނިތަކުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.