އަންނަ ރަމަޟާން މަހަށްފަހު، ރ. އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިކަން ހާމަކުރައްވާފައި ވަނީ ރައީސް މުއިއްޒު މިއަދު އުނގޫފާރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހަލީލް ވިދާޅުވީ ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރަން ރައީސް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ހަމައެކަނި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ބިނާ ކުރަން ރައީސް ބޭނުންވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށްފަހު، އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. ހަމައެއާއެކު އުނގޫފާރު ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ބޭނުންވާ ކަމަށާއި އެ ރަށަކީ ރ. އަތޮޅުގެ އިތުރުން ކައިރީގައި އޮތް އެހެން އަތޮޅުތަކުގެ ރައްޔިތުން ވެސް ސިއްހީ ހިދުމަތަށް ބަރޯސާވެފަ އޮތް ރަށެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަލީލް އިތުރަށް ވިދާޅުވީ އެ ރަށުގައި މިހާރު މެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބީ 10 ޑޮކްޓަރުން ކަމަށެވެ. އަދި އެ އަދަދަށް ޑޮކްޓަރުން ތިބި ނަމަވެސް އެ ރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތަކެއް ނުދެވޭކަން ގަބޫލު ކުރައްވާ ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލް ރައީސްގެ ވިޝަންއާ އެއްގޮތަށް ތަރައްގީ ކުރެވިގެންދާއިރު ހޮސްޕިޓަލްވެގެން ދާނީ ޓާޝިއަރީ ފެންވަރުގެ ހިދުމަތް ލިބޭ ހޮސްޕިޓަލްއަކަށް ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއާރްއައިގެ ހިދުމަތް ތައާރަފްވެގެން ދިއުމަކީ ރައީސްގެ ވިޝަންއެއް ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވިޝަންއާއެކު އެކިކަންކޮޅުތަކުގައި އެމްއާރްއައިގެ ހިދުމަތް ތައާރަފްވެގެން ދިއުމުން މިހާރު މާލެއަށް ބަރޯސާވެފައި އޮތް އޮތުން ކުޑަ ކުރެވޭނެ ކަމަށް ވެސް ހާލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ މިހާރު ވެސް މާލޭގެ ހޮސްޕިޓަލްތަކުގައި އެމްއާރްއައިގެ ކިޔު މަހެއް ނުވަތަ 2 މަހުގެ މުއްދަތަށް ދެމިގެންދާ ކަމަށެވެ. އެހެންކަމުން، އެ ހިދުމަތްތައް ގާއިމް ކުރުމަކީ މިހާރު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް ބަލާއިރު ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.