މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ހާއްސަކޮށް ކޮންމެ މުސްލިމަކު ވެސް ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ. މި ސިލްސިލާގައި މިއަދު މި ގެނެސްދެނީ ރޯޒް ސިޓީގެ ނަމުން މަޝްހޫރު ޕެޓްރާގެ ވާހަކައެެވެ.

ޕެޓްރާ ނުވަތަ ރޯސް ސިޓީ

އުރުދުންގެ ވެރިރަށް 'އައްމާން'ގެ ދެކުނުން އެންމެ 3 ގަޑިއިރުގެ ދަތުރެއްގައި ދެވޭ ޕެޓްރާ އަކީ ދަތުރުވެރިންނަށް ފަސޭހައިން ދެވޭ ސިޓީއެވެ. ރޯޒް ސިޓީގެ ނަމުން މަޝްހޫރު ޕެޓްރާ އަކީ ރަތްކުލައިގެ ވެލި ފަރުބަދަތަކެއްގެ ތެރޭގައި މަސައްކަތްތެރި ކަމުގެ ރީތި ނަމޫނާ ފެންނަ ގަދީމީ ސިޓީއެކެވެ. އެއީ އިންސާނާއެއްގެ ލޮލަށް ދުނިޔެމަތިން ފެންނަ އެންމެ ރީތި ގިނަ މަންޒަރުތައް ފެންނާނެ އެއް ތަނެވެ.

ޕެޓްރާ އަކީ މަޝްހޫރު އާސާރީ ސަރަހައްދަކަށް ވާއިރު، މީލާދީން 300 ވަނަ އަހަރުން ފެށިގެން ތާރީހެއް އޮންނަ ތަނެކެވެ. އެއީ ގަދީމީ ނަބަތީ ރަސްކަމުގެ ވެރިރަށެވެ. މި ސިޓީ ބިނާކޮށްފައި ވަނީ އިރުމަތިން ހުޅަނގަށް ވާދީ މޫސާ (މޫސާގެފާނުގެ ވާދީ) ގައެވެ. މި ވާދީ ވަށާލާފައި ވަނީ ފަނޑު ރީނދޫ ކުލައާ ހަމައަށް ތަފާތު ރަތް އަދި މާމުއި ކުލައިގެ ހިޔަނިތަކެއް ފެންނަ ވެލި ފަރުބަދަތަކެވެ.

ޕެޓްރާ ނުވަތަ ރޯސް ސިޓީ

ޕެޓްރާ އިން ޕެލިއޮލިތިކް އަދި ނިއޯލިތިކް ޒަމާނުގެ އާސާރީ ތަކެތި ފެނިފައި ވާއިރު، މީލާދީން ގާތްގަނޑަކަށް 1200 ވަނަ އަހަރު އެޑޮމިޓްސް އިން އެ ސަރަހައްދު ހިފާފައިވާކަން އެނގެއެވެ. އޭގެ ގަރުނުތަކެއް ފަހުން އަރަބި ގަބީލާއެއް ކަމަށްވާ ނަބަތާއީން އެތަން ހިސޯރުކޮށް އެމީހުންގެ ރަސްކަމުގެ ވެރިރަށް ކަމުގައި ވަނީ ހަދާފައެވެ. މީލާދީން 106 ވަނަ އަހަރު ރޯމަނުންގެ އަތުން ނަބަތީނުން ބަލިވުމުން ޕެޓްރާ ވެގެން ދިޔައީ ރޯމަނުންގެ އަރަބިއްޔާގެ ޕްރޮވިންސެއްގެ ބަޔަކަށެވެ.

ޕެޓްރާ ނުވަތަ ރޯސް ސިޓީ

އަލް-ދަޔާ “ދަ މޮނާސްޓަރީ” އަކީ ޕެޓްރާގެ އެންމެ މަޝްހޫރު އެއް ހިލަ ކަނޑާފައިވާ މޮނިއުމަންޓެވެ. އެއީ ބައިޒަންޓައިން ޒަމާނުގައި ޗާޗެއްގެ ގޮތުގައި ބޭނުންކުރި، ނުނިމި ހުރި މަހާނައެއްގެ ކުރިމައްޗެވެ. ޕެޓްރާގައި ގިނަ ތަންތަން ފަރުމާކޮށްފައި ވާއިރު، މިހާރު އެ ތަންތަން ބޭނުން ކުރަނީ ދިރިއުޅޭ ތަންތަނުގެ ގޮތުގައެވެ. ގަދީމީ ސިޓީގެ ބޮޑު އާބާދީއަށް އެހީތެރިވުމަށްޓަކައި، އެ ސިޓީގެ ރައްޔިތުން ބެލެހެއްޓީ ފުޅާ ދާއިރާއެއްގައި ހައިޑްރޮލޮޖިކަލް ނިޒާމެކެވެ. އޭގެ ތެރޭގައި ޑޭމްތަކާއި ސިސްޓަންތަކާއި ހިލަ ކަނޑައިގެން ހަދާފައި ވާ ފެން ޗެނަލްތަކާއި ސެރަމިކް ހޮޅިތައް ހިމެނެއެވެ.

ޕެޓްރާ ނުވަތަ ރޯސް ސިޓީ

1985 ވަނަ އަހަރު ޕެޓްރާ ވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންނަމަވެސް އަދިވެސް ޕެޓްރާގެ ބޮޑު ބައެއް ފޮރުވިފައި ވާއިރު، ޔުނެސްކޯ އިން ވަނީ މިހާރުވެސް އެތަނުގައި ހުރި 800 އަށްވުރެ ގިނަ މޮނިއުމަންޓް ތަރިކައިގެ ގޮތުގައި ލިސްޓް ކޮށްފައެވެ. ޕެޓްރާއަށް ޒިޔާރަތް ކުރަން އެންމެ ރަނގަޅު ވަގުތަކީ އާންމުކޮށް ސެޕްޓެމްބަރު މަހާއި ނޮވެމްބަރު މަހާ ދެމެދެވެ. އެހެންނަމަވެސް މާޗް މަހުން ފެށިގެން މެއި މަހަށްވެސް ޕެޓްރާގެ މޫސުން ރަނގަޅެވެ.