ދައުލަތުގެ ދަރަނި އަދާކުރުމަށް 2017 ވަނަ އަހަރު ގާއިމުކުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު(އެސްޑީއެފް)ގައި ހުރި ފައިސާތައް ކުރީގެ ސަރުކާރުން މާރުކޮށްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރ. އަލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު މި ވަގުތު އޮތް ގޮތުގެ ތަފްސީލު ދެއްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެސްޑީއެފްގައި ހުރި ފައިސާ މާރުކުރުމުން އެކަމުގެ ގެއްލުންވެފައިވާކަމަށެވެ. މިހާރު އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު އެ ފަންޑުގައި 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ހުންނާނެ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރެވިފައިވާކަމަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވީ ވަރަށް ފުން އަނދަވަޅެއްގައި އޮތް އިގްތިސާދެއްކަމަށެވެ. މިގޮތުން މި ސަރުކާރުން 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި ދައްކަމުން، ރައްޔިތުންނަށް ސަރުކާރުން ދައްކަންޖެހިފައިހުރި 9 ބިލިއަން ރުފިޔާގެ ބިލުތައް އަދާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ފައިސާ ބެހުމަށް ހެދި ކޮމިޓީ އުވައިލާފައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެެ.

އާމްދަނީ އިތުރުކުރުމަށް އައު ޓެކްސްތަކެއް ތައާރަފުކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ޓެކްސްތައް ތައާރަފުކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ނުވަތަ ޓެކްސް ދައްކާ ފަރާތްތައް އިތުރުކުރެއްވުންކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ އިގްތިސާދަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުމުގެ ގޮތުން ފައިސާ ޗާޕުކުރުން ހުއްޓައިލާފައިވާ ކަމަށެވެ. އަދި އިގްތިސާދުގެ ބާރުވެރިކަން ރުޖޫއަކުރުމުގެ ގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމުގެ މަސައްކަތްކުރައްވަމުންދާ ކަން އެ މަނިކުފާނުވަނީ ހާމަކުރައްވާފައެވެ.